މިޝްކާގެ ވަކިވުން؛ ދަތިކަމާއެކު ވެސް ހޮސްޕިޓަލަށް ގެންދެވުމުން މައިންބަފައިން އުންމީދުކުރީ އެނބުރި އަންނާނެކަމަށް

ޖޫން މަހުގެ ފުރަތަމަ ދުވަސް ނިމިގެން ދިޔައީ ކޮވިޑް-19 ބަލީގައި 9 މީހަކު މި ދުނިޔެއާ ވަކިވެގެންނެވެ. އޭގެ ތެރެއިން ވެސް އެންމެ ހިތްދަތިވި އެއް ޚަބަރަކަށް އިވުނީ ހދ. ކުޅުދުއްފުށި/ ލާޖަހާގޭ، އުމުރުން އެންމެ 10 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދު ނިޔާވި ޚަބަރެވެ. މިޝްކާގެ މަރާ ގުޅިގެން އެތަކެއް ވާހަކަތަކެއް އެބަދެކެވެއެވެ. އެތައް ބައެއްގެ އިޙްމާލުގެ ވާހަކައެވެ. އެތުއްތު ފުރާނަ ދުނިޔެއާ ވަކިވެގެން ދިޔައީ އެތައް ބައެއް ރޮއްވައިފައެވެ. "ދެން" އިން މިކަން ހިނގާ ދިޔަގޮތް ހޯދުމުގެ މަސައްކަތް ކުރީމެވެ.
ހުނަރުން ފުރިގެންވާ ހުނަރުވެރިއެއް
މިޝްކާއާ ބެހޭގޮތުން މިހާތަނަށް އެނގުނު މައުލޫމާތު ތަކުންނާއި، ކަންތައް ދިމާވި ގޮތުން އަޅުގަނޑުގެ ދެ ލޮލުން ވެސް ކަރުނަ ފޭދުނެވެ. ނަންހާމަ ނުކުރުމަށް އެދި "ދެން"އަށް މައުލޫމާތު ދެމުން އެ އާއިލާ މީހަކު ބުނީ، މިޝްކާއަކީ އޯޓިސްޓިކް ކުއްޖެއް ކަމަށެވެ. އެހެންނަމަވެސް އޭނާއަކީ ދިރިއުޅުމަށް ޓަކައި ފޮނި ހުވަފެންތަކެއް ދުއް، ހިތް އަލި ކުއްޖެކެވެ. "މިޝްކާއަކީ އޯޓިސްޓިކް ކުއްޖެއް ނަމަވެސް، އާދައިގެ ކުދިންނަށް ވުރެ ދަށް ކުއްޖެއް ނޫން. އޭނާއަކީ ކިޔެވުމަށް ވަރަށް މޮޅު، ކީރިތި ޤުރްއާން ކިޔެވުމަށާއި މަދަހަ ކިޔުމަށް ނުހަނު ޝައުޤުވެރިކަން ހުރި ކުއްޖެއް. މިޝްކާއަކީ އެހެން ކުދިންނަށް ވުރެ ބޮޑު ސަމާލުކަމެއް ދޭން ޖެހުނު ކުއްޖެއް. އެހެން ކުދިންނާ މިޝްކާ ތަފާތު ކަމަށްވާތީ އެ ދުވަހު (31 މެއި ވަނަ ދުވަހު) ހާލު ދެރަވާން ފެށުމުން ވެސް އޭނާއަށް ބުނެދޭން ނޭނގުނީ" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ. އެނގިފައިވާ ގޮތުގައި މިޝްކާގެ މައިންބަފައިންނާއި މިޝްކާ ތިބީ ކޮވިޑް-19އަށް ފައްސި ވެފައެވެ. މިޝްކާގެ ކޮންމެ ވެސް ވަރަކަށް ހުން ވެސް ހުއްޓެވެ. އަދި 31 މެއި ވަނަ ދުވަހު އޭނާގެ ހާލު ދެރަވާން ފެށި ކަމަށާއި ނަމަވެސް ހާލަތު އިތުރަށް ގޯސްވީ އެ ރޭ ކަމަށް މައުލޫމާތު ލިބެއެވެ.އެޗްޕީއޭއަށް އެންގި، އައިޖީއެމްއެޗްއަށް ވެސް އެންގި
ނަން ހާމަ ނުކުރުމަށް އެދި، މިޝްކާއާ މެދު ވެވުނު އިހުމާލުގެ ތަފްސީލު "ދެން" އާ ހިއްސާކުރި އެ އާއިލާގެ މީހަކު ބުނީ، މިޝްކާގެ ނޭފަތުން ލޭ އަންނަން ފެށުމުން އެންމެ ފުރަތަމަ ވެސް އެކަން އެންގީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އަށް ކަމަށެވެ. "މިޝްކާއާއި އޭނަގެ މަންމައާއި ބައްޕަ ވެސް ތިބީ ކޮވިޑަށް ފައްސި ވެފަ. އެ ގޭގައި ތިން މީހުން ވެސް ތިބީ. މިޝްކާ ހުރީ ހުން ވެސް އައިސްފަ. ދެން 31 މެއި ވަނަ ދުވަހުގެ ރޭ 9 ޖަހާކަންހާއިރު ނޭވާ ހިއްލަން ފެށީ، ނޭފަތުން ލޭ ވެސް އަންނަން ފެށީމަ ގުޅީ އެޗްޕީއޭއަށް. ފަރުވާއެއް ހޯދޭނެ ގޮތެއް ދެއްވާށޭ ކިޔާފައި ގުޅި ކޮންމެ ފަހަރަކު ވެސް އެކޮޅުން ބުނަމުން ދިޔައީ ކަމާބެހޭ ފަރާތްތަކާ ހިއްސާ ކޮށްލާފައޭ އިންނާނީ" އާއިލާގެ ފަރާތުން މައުލޫމާތު ދިން މީހާ ބުންޏެވެ. އޭނާ ބުނީ އެޗްޕީއޭއަށް ގުޅުމަށް ފަހު އައިޖީއެމްއެޗްއަށް ވެސް ގުޅި ކަމަށެވެ. ނަމަވެސް އެއީ ކޮވިޑް-19އަށް ފައްސި މީހުން ތިބި ގެއަކަށް ވާތީ "ރެސްޕޮންޑެއް ނުދެވޭނޭ" އައިޖީއެމްއެޗްގެ އެމްބިއުލޭންސް ހިދުމަތުން ބުނި ކަމަށް ވެސް އޭނާ ބުންޏެވެ. އަމިއްލަ ދަރިފުޅުގެ ބަލި ހާލަތު ދަށް ވަމުން ދާތަން ލޯ ކުރިމަތިން ފެންނަމުން ދިޔަ އެ މައިންބަފައިން، މަދަދަށް އެދި އާދޭސް ކުރަމުންދާ ހާލުގައި ދެން ގުޅީ ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެ އާއިލާގެ ކުއްޖަކަށެވެ. ރޮވިފައިވާ ހާލު، ގިސްލަމުން އިނދެ އެ ބައްޕަ އާދޭހާ އެކު ބުނީ ތިމަންނާގެ “ދަރިފުޅުގެ ހާލު ދެރަވަނީއޭ، އެޗްޕީއޭއާއި އައިޖީއެމްއެޗްއަށް ވެސް ގުޅައިފީމޭ”އެވެ. ފަރުވާ ދިނުމަށް އެހީތެރިވެ ދިނުމަށެވެ. އެ އާދޭހުގެ އަޑަށް އިޖާބަދީ އަވަހަށް އާއިލާގެ އެ މެންބަރު އެ ގެއަށް ދިޔައެވެ. ދެވެނީ ކޮވިޑް-19އަށް ފައްސިވެފައި ތިބި ބަޔަކު ތިބި ގެއަކަށް ވިޔަސް، އަމިއްލަ ޖާނާ މެދު (އެހާލަތުގެ ގޮތުން) ފަރުވާލެއް ނުބަހައްޓައެވެ. އޭނާ އެ ގެއަށް ގޮސް ކުއްޖާގެ ހާލަތު ބެލުމަށް ފަހު އަނެއްކާ ވެސް އެމްބިއުލޭންސަށް ގުޅިއެވެ، އޭރު މިޝްކާގެ ހެއެއް ނެތް ކަމަށް ވެސް އާއިލާއިން މައުލޫމާތު ދެމުން ބުންޏެވެ. "މިޝްކާ އޮތް ހާލު ފެނިފައި އެމްބިއުލޭންސަށް ގުޅިން. ކޮށްފައިވާ އަސަރުން ގޮސް އަޅުގަނޑު ބުނިން މިހާރު ކުއްޖާގެ ނެތޭ އެއްވެސް ކަމެއް. އެއީ ކަންނޭނގެ އަޅުގަނޑުމެންނަށް ކުރެވުނު އެންމެ ފަހު ކޯލަކީ" ހާދިސާ ކިޔައިދެމުން އޭނާ ބުންޏެވެ. އޭގެ ވަގުތުތަކެއް ފަހުން އެމްބިއުލޭންސް އެ ގޭ ދޮށަށް ދިޔައެވެ. އެ ގެއަކީ ހަނި ގޯޅިގަނޑެއްގައި ހުންނަ ގެއަކަށްވުމުން، ގޯޅިތެރެއަށް އެމްބިއުލޭންސަކަށް ނުވަދެވުނެވެ. އެހެންކަމުން ދުރުގައި އެމްބިއުލޭންސް ބާއްވައިފައި، އޭގައި ތިބި ސިއްޙީ ޚިދުމަތްތެރިން އެ ގެއާ ދިމާލަށް ދިޔަ ނަމަވެސް އެމަޖެންސީ ހާލަތަކަށް އެހީތެރިވާން އައިސްފައިވާ ކަމުގެ އެއްވެސް ނިޝާނެއް އެމީހުންގެ ނެތްކަން އާއިލާގެ ފަރާތުން ފާހަގަ ކުރިއެވެ. "އެމަޖެންސީ ހާލަތަކަށް އެޓެންޑްވާން އައިސްފައި ތިބި ބައެއް ހެނެއް ނޫން އެ މީހުން އުޅުނީ. ގެއާ ހަމައަށް އައީ ވެސް ވަރަށް މަޑުމަޑު ހިނގުމެއްގައި. ކުއްޖާ ތިރިއަށް ބާލުވައިދޭން އެހީތެރިއެއް ވެސް ނުވޭ" މައުލޫމާތު ދިން ފަރާތުން ބުންޏެވެ، ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށިފަހުން ކުޑަކޮށް ނޭވާލާން ފެށި ކަމަށާއި، އެހެންކަމުން ވެންޓިލޭޓަރަށް މިޝްކާ ލި ކަމަށް ވެސް މައުލޫމާތު ދިނެވެ. ނަމަވެސް އެއިރު ވެސް މިޝްކާގެ ނޭފަތުންނާ ކަންފަތުން ވެސް ލޭ އައި ކަމަށް އާއިލާގެ ފަރާތުން މައުލޫމާތު ދިނެވެ.ފަހު ވަގުތާ ޖެހެންދެން މައިންބަފައިންގެ އުންމީދު
ނުހަނު ދަތި އުނދަގުލުން މިޝްކާ އަށް ފަރުވާއަށް ލިބެން ފެށި ކަމުގައި ވިޔަސް، ފަރުވާ ލިބެން ފެށުމުން އެ ކުޑަ ފުރާނައިގެ މައިންބަފައިންގެ ހިތުގައި އުންމީދުގެ ހުޅުކޮޅެއް ރޯވިއެވެ.މިޝްކާގެ މަންމަ އިއްޔެ އޭނަގެ ހުރިހާ އެއްޗެއް ވެސް ދޮވުނު. އެތަނުން މައްޗެއް ނަގާ ދައްކާފައި ބުނި މިއީ މިޝްކާ އެންމެ ލާ ހިތްވާ މައްޗޭ. ހޮސްޕިޓަލުން އައިސްފައި ލާނެއޭއައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ގެންދިޔުމުން، މިޝްކާގެ މައިންބަފައިން އިންތިޒާރު ކުރަމުން ދިޔައީ އެ ދެމަފިރިންގެ ދެ ލޮލުގެ ކޮއެ ކަމުގައިވާ، އެ ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅު، އެނބުރި އެމީހުންގެ ގާތަށް އަންނާނެ ވަގުތަށެވެ. މި ފަނާ ކުރުވަނިވި ދުނިޔެއަށް މިޝްކާ އަލްވަދާއުކީ، ރޭ މެންދަމު 00:10 ގައެވެ. މިޝްކާ ވަކިވުމާމެދު އެ އާއިލާގެ ފަރާތުންނާއި އެހެން މީހުން ވެސް ދެކޭ ގޮތުގައި، ރާއްޖޭގެ ސިއްޙީ ދާއިރާ ވަނީ ވަރަށް ބޮޑަށް އިހުމާލު ވެފައެވެ. ފަރުވާ ކުޑަ ނުކުރިނަމަ، މިއީ ސަލާމަތް ކުރެވިދާނެ ކުޑަ ފުރާނައެއް ކަމަށް އެތައް ބަޔަކު ޤަބޫލު ކުރެއެވެ. މާތް ﷲ މިޝްކާގެ ފުރާނައަށް ހެޔޮ ރަޙްމަތްލައްވަވާށިއެވެ. އަދި މި ހިތްދަތި ވަގުތުގައި އާއިލާއަށް ހިތްވަރާ ކެތްތެރިކަން ދެއްވާށިއެވެ.އާމީން!






ކޮމެންޓް