އިހުމާލުގެ ރިޕޯޓު ނިމިއްޖެ، މެންދުރުފަހު ތަފްސީލް އާންމުކުރަނީ
ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ޞިއްހީ ނިޒާމުގެ އިހުމާލު އެބައޮތް ކަމަށާއި އެކަމުގެ ތަހުގީގު ނިމިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީން ވިދާޅުވީ އިހުމާލު ރިޕޯޓުގެ ތަފްސީލު މެންދުރުފަހު ހާމަ ކުރައްވާނެ ކަމަށެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އެ މައްސަލައިގައި އިހުމާލުވާ ބަޔަކު ތަހުގީގުން ސާފުވާނެ ކަމަށެވެ. އަދި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިޝްކާ މަރުވުމުގައި އިހުމާލު އޮތްކަމަށް ދެކެވަޑައިގެން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ގަބޫލު ކުރައްވަންތޯ ވެސް ރޭގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ހެލްތު މިނިސްޓަރާ ސުވާލު ކޮށްފައެވެ. އެގޮތުން ރިޕޯޓްތަކަށް ބަލައިފައި ސީދާ މިނިސްޓަރުގެ އިހުމާލެއް އުޅޭތޯ ބައްލަވާނެ ކަމަށާއި އެ ކަންކަމަށް ބައްލަވާފައި ސުވާލަށް ޖަވާބު ދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިޝްކާ ނިޔާވީ މިމަހުގެ އެއްވަނަ ދުވަހު 00.10ކަންހާއިރުއެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔައީ 31 މެއި ދުވަހުގެ ރޭ 11:45ހާއިރުއެވެ. އެއީ އެމްބިއުލޭންސް ހޯދަން ފުރަތަމަ ގުޅިތާ 9 ގަޑިއިރު ފަހެވެ.
މިޝްކާއަކީ ކޮވިޑް-19ގައި ރާއްޖެއިން މި ދުނިޔެ ދޫކުރި އެންމެ ހަގު ކުއްޖާއެވެ. އަށާރަ އަހަރުން ދަށުގެ އެންމެ ފުރަތަމަ ފުރާނައެވެ.