ޚަބަރު

އިޓާކާއާ އެކު ޕޮލޭންޑްގެ މާކެޓަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރުކުރުމަށް ކެމްޕެއިނެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރާއްޖޭގެ ރީތި ނަން ދަމަހައްޓައި ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްގެ ގޮތުގައި ޕޯލޭންޑްގައި ރާއްޖެ އިޝްތިހާރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ޚާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

Ads by Sosun Fihaara

މިމަހު ފަށާފައިވާ މި ކެމްޕެއިން ކުރިއަށް ގެންދަނީ ޕޯލޭންޑްގެ އެންމެ މަގުބޫލު އެއް ޓުއަރ އޮޕަރޭޓަރ ކަމުގައިވާ އިޓާކާއާ އެކު ޖޮއިންޓް ކެމްޕެއިނެއްގެ ގޮތުގައެވެ. މި ކެމްޕެއިންގައި އިޝްތިހާރުތަކާއި ޑިޖިޓަލް ހަރަކާތްތައް ކުރިއަށްގެންދާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މި ކެމްޕެއިން ކުރިއަށްދާނީ ޕޮލޭންޑުން ރާއްޖެއަށް އިޓާކާގެ ފަރާތުން ޗާޓާރ ފްލައިޓްތައް ފެށުމާ ގުޅުވައިގެން ކަމަށާއި މިފަދަ ކެމްޕެއިންތަކަކީ ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް ފެށޭ ޗާރޓަރ ފްލައިޓްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއްކަމަށް ވިޒިޓް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.

މި ކެމްޕެއިންގެ އައުޓްޑޯ ހަރަކާތްތަކުގެ ތެރެއިން އިޓާކާގެ 150 އަށް ވުރެން ގިނަ އޮފީސްތަކުގައި ހަރުކުރެވިފައިވާ ޓީވީތަކުން ރާއްޖޭގެ މަންޒަރުތަކުގެ އިޝްތިހާރުތައް ކުރެވެމުންދާނެކަމަށާއި މަޝްހޫރު ޒުއޮލްތެ ޓަރާސޭ ހާރޑް ރޮކް ކެފޭ ކުރިމަތީގައި ހުންނަ ސްކްރީނުން ވެސް ރާއްޖޭގެ އިސްތިހާރުތައް ފެންނާނެކަމަށް މައުލޫމާތުލިބެއެވެ. އަދި މީގެ އިތުރުން މި ސަރަހައްދަކީ މަހެއްގެ މައްޗަށް1.4 މިލިޔަނަށްވުރެން ގިނައިން މީހުން ހިނގާ ބިނގާވެ އުޅޭ ސަރަހައްދެއްކަމަށްވާ ވާރސޯގެ މަޝްހޫރު ސަރަހައްދެއް ކަމަށްވާ ކޮޒިކީ ގައި ބޮޑު ޕްރިންޓް ބެނާއެއް ވެސް ހަރުކުރާނެއެވެ

މި ކެމްޕެއިންގައި ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ އަދަދު އިތުރުކުރުމަށް ޑިޖިޓަލް ހަރަކާތްތަކާއި އައުޓްޑޯ އިޝްތިހާރުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. މި ކެމްޕެއިންގެ ޑިޖިޓަލް ހަރަކާތެއްގެ ދަށުން ގޫގުލް އެޑްވޯރޑްސްގެ ޒަރިއްޔާއިން ރާއްޖޭގެ ރީތި މަންޒަރުތަކާއި މެސެޖްތައް ލިބޭގޮތަށް އިޝްތިހާރުކުރެވިގެން ދާނެއެވެ. އަދި މީގެ އިތުރުން ޕޮލޭންޑްގެ މަގުބޫލު ޓްރެވެލް އަދި ލައިފްސްޓައިލް ވެބްސައިޓްތަކުގައި އެނިމޭޓެޑް އިސްތިހާރުތަކާއި ޕުޝް މެސެޖް ބޭނުންކޮށްގެން ވެސް ރާއްޖެ އިޝްތިހާރުކުރާނެއެވެ. ހަމައެއާ އެކު އިންސްޓަގްރާމްގައި ވެސް ޕޮލިޝް މާކެޓަށް އަމާޒުކޮށް ރާއްޖެ އިޝްތިހާރުކުރާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. މި ކެމްޕެއިނުގައި އިޝްތިހާރުކުރެވޭ ކޮންޓެންޓް ލަފާ ކުރެވޭގޮތުގައި 25 މިލިޔަނެއްހާ މީހުނަށް ފޯރާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!