މިޝްކާގެ މަރާއި ގުޅޭ އިހުމާލު ރިޕޯޓު އާއްމުކޮށްފި

ކޮވިޑް-19ގައި ނިޔާވި އުމުރުން 10 އަހަރުގެ މިޝްކާ ނިޔާވުމުގައި ޞިއްހީ ނިޒާމުގެ އިހުމާލެއް އޮތްތޯ ބެލުމަށް ހަދާ ރިޕޯޓު އާންމުކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ދެންމެ އާންމުކުރި ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ބަޔާނަކީ 2 ޖޫން 2021 ވަނަ ދުވަހު ކޮވިޑް ބަލީގައި ނިޔާވެފައިވާ އުމުރުން 11 އަހަރުގެ ފާތިމަތު މިޝްކާ މުޙައްމަދަށް ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމުގައި ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޢަމަލުކޮށްފައިވާ ގޮތާއި ހަރަކާތްތެރިވެފައިވާ ގޮތް ދެނެގަތުމަށް އެއްކުރެވުނު މައުލޫމާތްތައް ހިމަނައިގެންް އާންުމުކުރެވިފައިވާ ރިޕޯޓެއް ކަމަށެވެ.
ްއަދި އެ ރިވިއުގައި، ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ޚިދުމަތް ދިނުމަށް އެކުލަވާލާފައިވާ ކްލަސްޓާރތައް ކަމުގައިވާ ކޯލް ސެންޓަރ، މެޑިކަލް ރެސްޕޮންސް ޓީމް (ޑީއެމްއާރުޓީ، ކްލިނިކަލް މެނޭޖްމަންޓް އެންޑް އެޑްވައިޒަރީ ޓީމް (ސީމެޓް) އަދި އިމަރޖެންސީ މެޑިކަލް ސާރވިސަސް (ބީއެމްއެސް) އިން ޢަމަލުކޮށްފައިވާ ގޮތްބަލައި، މިހާރު ޢަމަލުކުރަމުންދާ އާއްމު އުސޫލުތަކާއި އެއްގޮތައް ކަންކުރެވިފައިވޭތޯ ބެލިފައިވާނެކަމަށެވެ.
އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ކޮވިޑް 19ގެ އަލާމާތްތައް ފެނުމާއި ގުޅިގެން 28 މެއި 2021 ވަނަދުވަހު ނެގި ސާމްޕަލްވަނީ، 29 މެއި 2021 ގައި ޓެސްޓްކޮށްފައެވެ. އަދި 30 މެއި 2021 ވަނަ ދުވަހު ކޮންޓެކްޓް ޓްރޭސިންގ ޓީމުން ބެލެނިވެރިޔާއަށް ގުޅާ ފާތިމަތު މިޝްކާ މުޙައްމަދު މިބައްޔަށް ފައްސިވެފައިވާކަން އަންގާފައިވާކަމަށާއި، މަޖެހިފައިވާ އުސޫލުގެ ތެރެއިން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންތޯ ކޮންޓެކްޓް ޓްރޭސިންގ ޓީމުން އެހުމުން، ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ބޭނުންވާކަމަށް ބެލެނިވެރިޔާ އެދިފައިވާކަމަށެވެ. ނަމަވެސް، އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަނެއް ފޯރުކޮށްދެވިފައި ނުވާކަން ފާހަގަކުރެވިފައިވާކަމަށް އެ ރިޕޯޓުގައި ވެއެވެ.
ހެލްތް މިނިސްޓްރީން ބުނީ އުސޫލު ހަމަޖެހިފައިވާގޮތުން، ކޮވިޑް 19އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ
ކްލަސްޓަރގެ ފަރާތުން ހާލުބެލުމަށްޓަކައި ގުޅަންޖެހެއެވެ. ނަމަވެސް، މިކްލަސްޓަރއިންވެސް މި ދެ ދުވަހުގެ ތެރޭގައި ފާތިމަތު މިޝްކާ މުޙައްމަދުގެ ހާލުބެލުމަށް ބެލެނިވެރިޔާއަށް ގުޅާފައި ނުވާކަން ފާހަގަކުރެވޭކަމަށެވެ.
ފާތިމަތު މިޝްކާ މުޙައްމަދުގެ ކޭސްގައި ކަންހިނގާފައިވާ ގޮތް:
- 14:20 ހުން ގަދަވާކަމާއި އެއްވެސް ކާއެއްޗެއް ނުކެވޭކަމާއި ވަރުބަލިވުމާއި އަދި ކެއްސާކަން ފާތިމަތު މިޝްކާ މުޙައްމަދު ގެ ބެލެނިވެރިޔާވަނީ ކޯލް ސެންޓަރަށް ގުޅާ މިމަޢުލޫމާތު ހިއްސާކޮށްފައެވެ.
- 14:24 މަޢުލޫމާތު ކޯލް ސެންޓަރުން "އޯބީ" ސިސްޓަމަށް އަޅާ، ޓިކެޓް ރެއިސްކޮށްފައިވެއެވެ.
- 14:27 އަދި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް އަޅާފައިވެއެވެ.
- 15:53 ބެލެނިވެރިޔާ ދިން މަޢުލޫމާތަށް ބިނާކޮށް، ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް ޑީއެމްއާރުޓީގެ ޑޮކްޓަރެއް ގުޅާފައިވެއެވެ. އަދި މިވަގުތު ގޭގައި ބޭނުންކުރަމުންދާ ބޭސް ކުރިއަށް ގެންދިޔުމަށާއި އިތުރު ކަމެއް ދިމާވެއްޖެނަމަ އަލުން އަނބުރާ ގުޅުމަށް ޑޮކްޓަރު ލަފާދެއްވާފައިވެއެވެ.
- 21:06 ކުއްޖާގެ ހާލަތު ގޯސްވުމާއި ގުޅިގެން ބެލެނިވެރިޔާ ކޯލް ސެންޓަރަށްވަނީ ގުޅާފައެވެ. އަދި ކުއްޖާގެ ހާލު ގޯސްވާހެން ހީވާކަމަށާއި ނޭވާލާން އުނދަގޫވެ އަތްތަޅުވާ ހަދާކަމަށް ބުނެ، އަދި ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ބޭނުންވާކަމަށް ބުނެފައިވެއެވެ.
- 21:10 މި މަޢުލޫމާތު ކޯލް ސެންޓަރުން 'އޯބީ" ސިސްޓަމަށް އަޅާ، ޓިކެޓް ރެއިސްކޮށްފައިވެއެވެ.
- 21:15 އަދި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް އަޅާފައިވެއެވެ.
- 21:53 މިމަޢުލޫމާތާ ގުޅިގެން ޖީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިޔާއަށް ގުޅުމަށް މަސައްކަތްކުރިނަމަވެސް އެވަގުތު ބެލެނިވެރިޔާއަށް ގުޅިފައެއްނުވެއެވެ. އަދި މަޢުލޫމާތު ޝީޓަށް އެޓެންޑަޑް' ކަމަށް ޑީއެމްއާރްޓީއިން އަޅާފައިވެއެވެ.
- 22:06 ޑީއެމްއާރްޓީގެ ޑޮކްޓަރު ކުރި ކޯލް މިސްވެފައިވާތީ ކޯލް ސެންޓަރަށް ބެލެނިވެރިޔާ އަލުން ގުޅާފައިވެއެވެ. އަދި ކުއްޖާއަށް ނޭވާނުލެވިގެން އުނދަގޫވާކަމަށް ބެލެނިވެރިޔާ މަޢުލޫމާތުދީފައިވެއެވެ. މިކޯލްގެ މަޢުލޫމާތު "އޯބީ" ސިސްޓަމަށް އެވަގުތު އަޅާފައިވާކަން ފާހަގަކުރެވެއެވެ.
- 22:12 އަދި މި މަޢުލޫމާތު ކޯލް ސެންޓަރުން މަޢުލޫމާތު ޝީޓަށް އަޅާފައިވެއެވެ.
- 22:33 ޑީއެމްއާރުޓީގެ ޑޮކްޓަރު ބެލެނިވެރިޔާއަށް ގުޅުމުން ކުއްޖާގެ ހާލަތާ ގުޅޭގޮތުން، މިއީ ކޮވިޑް ޕޮޒިޓިވް ކޭސްއެއްކަމާއި، ނޭވާލާން އުދަގޫވާކަމާއި (1 ދުވަސް ވަންދެން، ހިކި ކެއްސުމާ (2 ދުވަސް އަދި 6 ދުވަސް ވަންދެން ހުންއަންނަކަމާއި، އަދި ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި އެއްވެސް ދާއިމީ ބޭހެއް ނުކުރާކަމާއި، ނަމަވެސް ޙާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި އަދި ކުއްޖާގެ ބަލި ޙާލަތުގެ ސަބަބުން ކުއްޖާއަށް ވާ އުނދަގޫ އަމިއްލައަށް ކިޔައި ނުދެވޭކަމުގެ މަޢުލޫމާ ބެލެނިވެރިޔާ ދީފައިވަކަމަށް، ޑޮކްޓަރު ނޯޓްކޮށްފައިވެއެވެ.
- 22:39 ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން މި މަޢުލޫމާތު ސީމެޓަށް ޑީއެމްއާރްޓީގެ ޑޮކްޓަރު ވަނީ ފޮނުވާފައެވެ. އެމްބިއުލަންސް އެކްޓިވޭޓްކުރުމަށް ކަނޑައަޅާފައިވާ ދެ ކްލަސްޓަރ ކަމުގައިވާ، ޑީއެމްއާރްޓީއާއި ސީމެޓަށްވެސް މިމަޢުލޫމާތު ހިއްސާކުރެވިފައި ވީނަމަވެސް، އެމްބިއުލަންސް ދާން އަންގާފައިނުވާކަން ފާހަގަކުރެވެއެވެ.
- 23:16 އިން 23:33 އިތުރު 5 ފަހަރަށް ކޯލް ސެންޓަރަށް ބެލެނިވެރިން ގުޅާފައިވެއެވެ. މިތަނުން އެއް ކޯލްގައި ކުއްޖާގެ ހާލު ދައްވަމުންދާކަމާއި، ހޭނެތިފައިވާކަމާއި ނޭފަތުން ލޭ އަންނަކަމަށް ބުނެފައިވެއެވެ. މިކޯލް ތަކުގައި، ކުއްޖާ ބަލާ ފޮނުވާނެކަމަށް ބުނެފައިވާކަމަށާއި، އެމްބިއުލަންސް އައިސްފައިނުވާކަމާއި އެމްބިއުލަންސް އައުން ލަސްކަމަށް ބެލެނިވެރިޔާ ބުނެފައިވެއެވެ. އަދި އެމްބިއުލަންސް ފޮނުވިފައިވާކަމަށް ކޯލް ސެންޓަރުގެ ފަރާތުންވެސް ބުނެފައިވީ އެމްބިއުލަންސް އެކްޓިވޭޓްކޮށްފައިނުވެއެވެ.
- 23:27 އެމްބިއުލަންސް ދިނުން ލަސްވެގެން ދަރުބާރުގެއަށް ބެލެނިވެރިޔާގެ ފަރާތުން މީހަކު އައިސް އެކަން އަންގާފައިވެއެވެ.
- 23:32: އެމްބިއުލަންސްއެއް އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކޯލްސްޓަރ އިން އީއެމްއެސްއަށް އަންގާފައިވެއެވެ.
- 23:33: އީއެމްއެސްއިން ބެލެނިވެރިޔާއަށް ގުޅާ އެމްބިއުލަންސް ދާނެކަމަށް މަޢުލޫމާތު ދީފައިވެއެވެ.
- 23:38: އެމްބިއުލަންސް އެގެއަށް ގޮސްފައިވެއެވެ. އެމްބިއުލަންސް ދިޔައިރު ކުއްޖާގެ ހަރަކާތެއް ނެތްކަމާއި ވަގުތުން ސީޕީއާރު ފަށާފައިވެއެވެ.
- 23:42: ކުއްޖާވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދެވިފައެވެ.






ކޮމެންޓް