ޚަބަރު

އެމެޖެންސީ ޚިދުމަތަށް ވަކި ނަންބަރެއް ޚާއްސަކުރަނީ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމެޖެންސީ ޚިދުމަތަށް ވަކި ފޯން ނަންބަރެއް ޚާއްސަކޮށް، ސިއްހީ ޚިދުމަތްދޭ ހުރިހާ ތަނެއްގެ އެންބިއުލެންސް އެމެޖެންސީ ހާލަތުގައި ފޮނުވޭ ގޮތް ހަދަން އުސޫލު ބަދަލުކުރަން ހެލްތު މިނިސްޓްރީން މަސައްކަތް ފައްޓަވައިފިއެވެ.

Ads by Sosun Fihaara

ކޮވިޑަށް ޕޮޒިޓިވް ފަރާތްތަކުން އެމްބިއުލާންސް ބޭނުންވެއްޖެ ހާލަތެއްގައި ސިއްހީ ހިދުމަތްދޭ ކޮންމެ ތަނަކަށް ގުޅުމުން ވެސް އެމްބިއުލާންސް ފޮނުވަން ޖެހޭނެ ގޮތަށް އުސޫލުތައް ކަނޑައަޅައި، އެ ފަރާތްތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މި ގޮތަށް ހަމަޖައްސައިފައި ވަނީ ކޮވިޑުގައި އަންގާރަ ދުވަހުގެ ރޭ މަރުވި 10 އަހަރުގެ ކުއްޖާގެ ހާލަތު ގޯސްވީ އިރު ވެސް އެމްބިއުލާންސް ނުފޮނުވާ ދެ ގަޑިއިރަށް ވުރެ ގިނައިރު ހޭދަވެ ބޮޑު އިހުމާލެއް ހިނގައިފައިވުމުންނެވެ. އެހާދިސާގައި ކޯލް ލޮގުތަކަށް ބަލާއިރު، މިޝްކާގެ ހާލު ވަޒަންކުރުމާއި ފަރުވާ ބޭނުންވާ އަވަސްމިން ކޯލް ސެންޓަރަށް ބެލިފައިނުވާކަން ފާހަގަ ކުރެވޭކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން އެންމެ ފުރަތަމަ މަރުވި ކުޑަކުއްޖާ، ހދ. ކުޅުދުއްފުށީ، ލާޖަހާގޭ، ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ބޮޑެތި ގޯސްތަކެއް ހަދައިފައިވާކަން ، އެ ކަން ތަހުގީގުކޮށް މިނިސްޓްރީން އާއްމުކުރި ރިޕޯޓުން ހާމަވެފައިވާއިރު މިޝްކާގެ ކޭހަކީ އެމަޖެންސީ ހާލަތެއް ކަމަށް ބެލިފައި ނެތް ކަމަށާއި، އެމްބިއުލާންސް ޓްރިގާ ކުރަން ޖެހޭ ވަގުތުގައި އެކަން ކޮށްފައިނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އެމްބިއުލާންސް ނުފޮނުވި ދެ ގަޑިއިރާއި 26 މިނެޓު ހޭދަވެފައި ވެއެވެ. އެއާ އެކު ކޮވިޑު ބަލި މީހުންނަށް ފަރުވާ ދިނުމުގައި މިހާރު ހަމަޖެހިފައިވާ ނިޒާމަށް ބޮޑެތި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!