ފުރަތަމަ ކުއަރޓާގައި ގެވެށި އަނިޔާގެ މައްސަލަ ރިޕޯޓުކުރެވުނު އަދަދު ބޮޑުތަނުން އިތުރު
މިއަހަރުގެ އަހަރުގެ ފުރަތަމަ ތިންމަހުގައި ގެވެށި އަނިޔާގެ 192 މައްސަލަ ރިޕޯޓުކުރެވުނު ކަމަށާއި މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައި ބަލާއިރު، ބޮޑުތަނުން އިތުރު އަދަދެއްކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ފުރަތަމަ ތިންމަހުގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ޖުމްލަ 192 މައްސަލައެއް އެ އޮތޯރިޓީއަށް ހުށަހަޅާފައި ވެއެވެ. މިދިޔައަހަރުގެ ފުރަތަމަ ކުއަރޓާގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ހުށަހަޅައިފައި ވަނީ ގެވެށި އަނިޔާގެ 158 މައްސަލައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިންމަހާ އަޅާބަލާއިރު 30އަށް ވުރެ މަދު މައްސަލައެވެ.
މިއަހަރުގެ ފުރަތަމަ ތިންމަހުގައި ހުށައެޅި ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން އެންމެ ގިނަ މައްސަލަ އެ އޮތޯރިޓީއަށް ރިޕޯޓުކުރީ މިނިސްޓްރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިންނެވެ. އެމިނިސްޓްރީން 88 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެވެށި އަނިޔާގެ 79 މައްސަލައެއް އެއޮތޯރިޓީއަށް ހުށައަޅައިފައިވެއެވެ. އަދި ޞިއްޙީ ޚިދުމަތްދޭ ފަރާތްތަކުން 23 މައްސަލައެއް ، ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް 2 މައްސަލައެެއް ހުށައަޅާފައިވާކަން އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކައެވެ.
ގެވެށި އަނިޔާގެ މައްސަލަތަށް ހުށައެޅުނު ތަފާސްހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރުގެ ފުރަތަމަ ތިންމަހުގައި ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އެއީ 108 މައްސަލައެވެ. ދެން އެންމެ ގިނަ މައްސަލަ ރިޕޯޓުކޮށްފައި ވަނީ، އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީންނެވެ. އައްޑޫ ސިޓީން23 މައްސަލައަކާއި، ފުއައްމުލަކު ސިޓީން 15 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސްހިސާބު ތަކުން ދައްކައެވެ.
ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ބިރުދެއްކުމުގެ މައްސަލަތަކެވެ. ބިރުދެއްކުމުގެ 120 މައްސަލައެއް ވަނީ ހުށައަޅައިފައެވެ. ދެން އެންމެ ގިނައީ ޖިސްމާނީ އަނިޔާ ދިނުމުގެ މައްސަލަތަކެވެ. މި ބާވަތުގެ 110 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ. އަދި ގޯނާކުރުމުގެ 96 މައްސަލައެއް ވެސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ގެވެށި އަނިޔާގެ އަމަލެއް ހިންގަމުންދާ މަންޒަރެއް ގަސްދުގައި ކުޑަކުއްޖަކަށް ދެއްކުމާއި، އަޑުއިއްވުމާއި، އެފަދަ ޙާލަތަކަށް ކުއްޖަކު ގެންދިއުމާއި ނުވަތަ ހުށަހެޅުމުގެ 64 މައްސަލައަކާއި މުދަލަށް ގެއްލުންދިނުމުގެ 54 މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ވެސް ތަފާސް ހިސާބުތަކުން ދައްކައެވެ.
އަނިޔާ ލިބިފައިވާ މީހުންގެ ތެރެއިން 160 މީހުންނަކީ 18 އަހަރުން މަތީގެ މީހުންނެވެ. އެއީ 133 އަންހެނުންނާއި 27 ފިިރިހެނުންނެވެ. އަދި ގެވެށި އަނިޔާ ލިބުނު މީހުންގެ ތެރޭގައި 18 އަހަރުން ދަށުގެ 111 ކުއްޖަކު ވެސް ހިމެނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 59 އަންހެން ކުއްޖަކާއި 41 ފިރިހެން ކުދިންނެވެ.
މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ރިޕޯޓުކޮށްފައިވާ ގެވެށި އަނިޔާގެ މައްސަލައިގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކުރެވުނީ ގެވެށި އަނިޔާގެ 6 ބާވަތެއްގެ މައްސަލައެވެ. އޭގެ ތެރެއިން ވެސް ބަހުގެ ހަމަލާދިނުމާއި ނަފްސާނީގޮތުން ހަމަލާދިނުމުގެ މައްސަލަ ރިފޯޓުކޮށްފައިވާލެއް އިތުރުކަން ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިބާވަތުގެ 176 މައްސަލައެއް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓާ އާއި އަޅައިބަލާއިރު އިތުރު އަދަދެކެވެ. އެގޮތުން މިދިޔަ އަހަރު ފުރަތަމަ ކުއަރޓާގައި ރިޕޯޓުކޮށްފައި ވަނީ މި ބާވަތުގެ 89 މައްސަލައެވެ.