ޚަބަރު

ކޮވިޑް-19: ކަނޑިތީމު ސިއްޙީ މަރުކަޒުގެ ދެ ޑޮކްޓަރުން ވެސް މިއަދު ސަލާމުގައި، އިތުރު ޑޮކްޓަރެއް ގެންނަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ށ.ކަނޑިތީމު | ފޮޓޯ: ސޯޝަލް މީޑިއާ

ގިނަ އަދަދެެއްގެ މީހުން ކޮވިޑް-19އަށް ފައްސި ވެފައިވާ ށ. ކަނޑިތީމުގެ ސިއްޙީ މަރުކަޒުގައި މިވަގުތު ތިބި ދެ ޑޮކްޓަރުން ވެސް މިއަދު ތިއްބެވީ ސަލާމުގައި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Sosun Fihaara

"ދެން"އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ސިއްޙީ މަރުކަޒުގެ މެނޭޖަރ މުޙައްމަދު ފަހުމީ ވިދާޅުވީ ދެ ޑޮކްޓަރުން ވެސް މިއަދު ތިބީ ސަލާމުގައި ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށެވެ.

"އެއް ޑޮކްޓަރު ސަލާމުގައި ހުރީ ކޮވިޑްގެ އަލާމާތްތައް ފެނިގެން، ސާމްޕަލް ނަގައިފައި ނަތީޖާ ލިބެންދެން. އަނެއް ޑޮކްޓަރު ހުރީ ބަލިވެގެން ސަލާމުގައި. އޭނާއަކީ ހަމުގެ މައްސަލަތަކެއް (ހުދު ބަލި) ހުންނަ މީހެއް. އެހެންވެ ޕީޕީއީ ކިޓް ލައިގެން ގިނަ އިރު މަސައްކަތް ކުރަންވީމަ ތަންކޮޅެއް އުނދަގޫވޭ. އެ ޑޮކްޓަރު އެކަން އަޅުގަނޑުމެންނަށް އެންގުމުން އަޅުގަނޑުމެން މިހާރު ވާނީ އެކަން ރަސްމީކޮށް އަންގަން ޖެހޭ ފަރާތްތަކަށް އަންގާފަ" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ، އިތުރު ޑޮކްޓަރެެއް ގެނައުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާ ކަމަށެވެ. އަދި މަރުކަޒުގެ ދެ ޑޮކްޓަރުން ވެސް ސަލާމުގައި ތިބުމުން މިވަގުތު އެ މަރުކަޒަށް ދާ ބަލި މީހުންގެ ކަންކަން ބަލަހައްޓަމުން ދަނީ ނަރުހުންނާއި ހެލްތު ވޯކަރުން ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

" މަރުކަޒުގެ ކަންތައްތައް މިވަގުތު ބަލަހައްޓަމުން ދަނީ ނަރުހުންނާއި ހެލްތު ވޯކަރުން. އެގޮތުން މިވަގުތު 7 ނަރުހުން އެބަތިބި، ކަރަންޓީނުގައި ތިބީ 3 ނަރުހުން. ކޮވިޑް-19ގެ މި ހާލަތުގައި މަރުކަޒުން ވެސް ބައެއް މީހުން ފައްސިވެ، ކަރަންޓީނަށް ވެސް އެއް ބަޔަކު ލާން ޖެހުނު. އަޅުގަނޑުމެން މަރުކަޒު ހިންގިން 2 ނަރުހުންނާ އެކު ވެސް" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ކަނޑިތީމުގައި ކޮވިޑް ބަލީގައި ހާލު ސީރިއަސް އެއްވެސް މީހަކު މިވަގުތު ނެތް ކަމަށާއި އެއީ ރައްޔިތުންގެ ވެސް އެއްބާރުލުމާ އެކު ވީ ކަމެއް ކަމަށެވެ. އެކަމަށް ޓަކައި ފަހުމީ ވަނީ ރައްޔިތުންނަށާއި ކައުންސިލަށާއި ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ޝުކުރު އަދާ ކުރައްވައިފައެވެ.

ދެ ޑޮކްޓަރުން ސަލާމުގައި ތިއްބެވި ނަމަވެސް ، އެ ދެ ޑޮކްޓަރުން ވެސް ކޮވިޑް-19އަށް ފައްސިވާ މީހުންނަށް ފަރުވާ ކުރައްވަން ބޭނުން ނުވާ ކަމަށް ބުނެ ރަށުތެރޭގައި ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެކަމާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން ކައުންސިލު ރައީސް އަހުމަދު އަހުސަން ވިދާޅުވީ އެ ފަދަ ކަންބޮޑުވުމެއް ރައްޔިތުންގެ އެބަހުރި ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ރަށަށް އިތުރު ޑޮކްޓަރެއް ގެނައުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC
  1. ކަނޑި

    ޢަދިވެސް ފަހުމީ އެދަނީ ރައްޔިތުންނަށް އޮޅުވާލަމުން. ކީއްވެތޯ ހަގީގަތް ހާމަކުރަން ނުކެރިގެން ތިއުޅެނީ؟ކީއްވެތޯ ޑޮކްޓަރުން ދެކޮޅުހެދިވާހަކަ ބުނަންނުކެރިގެން ތިއުޅެނީ؟ ތިމާގެ ނާގާބިލުކަން ގަބޫލުކޮށް ތިޔަކަމުން ދުރަށް ވަޑައިގަންނަވާ!