ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް މިއަދު ކޮމިޓީއަށް ހާޒިރުކުރަން ތާވަލުކޮށްފިއެވެ.

Ads by MWSC

“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ ޕާލިމަންޓަރީ އެންކުއަރީއަށް ޝަމާލް ކޮމިޓީއަށް ހާޒިރުވާން އަންގަވައިފައި ވަނީ ދިފާއީ ބާރުގެ ތެރެއިން ކަންކަން ހިނގާފައިވާގޮތް އޮޅުންފިލުވުމަށެވެ.

ޝަމާލްގެ އިތުރުން މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވެސް އެ ކޮމިޓީއަށް ހާޒިރުކުރަން ވަނީ ނިންމަވައިފައެވެ.

މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ.

ރައީސް ނަޝީދަށް މިހައިތަނަށް ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވައިލި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!