ޚަބަރު

ނަފުރަތުގެ އަމަލަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރަން ޖެހޭ:ޑރ.ޝަހީމް 

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ: ދެން އިމޭޖްސް

ނަފުރަތުގެ އަމަލު ހުއްޓުވުމުގެ ނަމުގައި ގާނޫން އުޤޫބާތަށް ގެންނަން އުޅޭ އިސްލާހުގައި ނަފްރަތުގެ އަމަލަކީ ކޮބައިކަން ޞަރީހަކޮށް ބަޔާންކުރަން ޖެހޭނެކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށައަޅާފައިވާ ، މުސްލިމަކާ ދިމާލަށް ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށަކަށްވާ އިސްލާހަށް ނިސްބަތްކޮށް ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، އިސްލާމްދީނުގެ ގަދަރު ކުޑަކޮށް، ދީނުގެ ޝިއާރުތަކަށް ފުރައްސާރަކޮށް ތައުހީނު ކުރުމުގެ އެންމެހާ ފިކުރުތައް، ފެތުރުމާއި އެއަމަލުތައް ހިންގުން ގާނޫނުގައި ޞަރީހަކޮށް މަނާ ކުރެވެން ޖެހޭ ކަމަށެވެ.

ޑރ. ޝަހީމް ވިދާޅުވީ ނަފުރަތުގެ އަމަލު ހުއްޓުވުމަށް ގާނޫނޫލް އުގޫބާތަށް ހުށައެޅިފައިވާ އިސްލާހުތަކުގެ ތެރެއަށް "ޝަރުއީ ޟަވާބިޠު" އިތުރުކުރަށް ޖެހޭކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެހެން ނޫން ނަމަ ހުށައަޅައިފައި އޮތް ޞީޢާ އޮތްގޮތުން އިސްލާމީ މުޖުތަމައުގައި ގަސްތުގައި ހިނގާ ދީނާ ހިލާފު ފިކުރުތައް ހުއްޓުވުމަށް ގާނޫނީގޮތުން ހުރަސްތަކެއް މެދުވެރިވެދާނެކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އިސްލާމީ ޝަރީޢާގައި ކަނޑައެޅިގެންވާ އުޞޫލުތަކާއި ޤަވާޢިދުތަކާއި ޟަވާބިޠުތަކާ ޚިލާފަށް އެއްވެސް މުސްލިމަކީ ކާފަރެއްކަމުގައި ބުނުމަކީ އިސްލާމީ ޢަޤީދާއާ ޚިލާފުކަމެއްކަން ފާހަގަ ކުރައްވާ ޑރ.ޝަހީމް ވިދާޅުވީ ޝަރުޢީ ގޮތުން އެކަމުގައި ގޮތް ނިންމުންވަނީ ބޭރުފުށަށް ކަމަށާއި ހިތްތަކުގައިވާ ކަންކަން ދެނެވޮޑިގެންވާނީ މާތް ﷲ ކަމަށެވެ.

ޤާނޫނަށް ގެންނަ ބަދަލުގެ ސަބަބުން އިސްލާމީ ޝަރީޢަތުގައި ކަނޑައެޅި ބަޔާންވެގެންވާ (ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންތައް ނަހީކުރުމުގެ) މަތިވެތި އަސާސަށް އެއްވެސް އުނިކަމެއް އައިސްގެން ނުވާނެކަމަށާއި ޤުރުއާނާއި ސުންނަތުގައިވާގޮތުން އެއީ އިސްލާމީ މުޖުތަމަޢުގެ އިޖުތިމާޢީ ރުކުނެއްކަމަށް ޑރ. ޝަހީމްގެ ޕޯސްޓުގައި ވިދާޅުވިއެވެ.

"ޢަދާވާތްތެރިކަން ކުޑަ މުޖުތަމަޢެއް ބިނާކުރުމުގެ އަަސާސީ މަގަކީ ތަޢުލީމާއި ތަރުބިޔަތު ދިނުމުގެ މަގެވެ. މިގޮތުން އިސްލާމީ ނަޒަރިއްޔާތުގެ އަލީގައި "ވެލިއުސް އެންޑް އެތިކްސް" ތަޢުލީމީ މަންހަޖުގެ ތެެރެއިން އުނގަންނައިދީ އެކަކު އަނެކަކަށް އިޙުތިރާމްކުރާން ދަންނަ ފިކުރީ ގޮތުން ވަޒަން ހަމަ ޝަޚުޞިއްޔަތެއް ބިނާކުރަން ޤައުމީ މަސައްކަތްތަކެއް ކުރަން ޖެހެއެވެ." ޑރ. ޝަހީމްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

ޑރ.ޝަހީމް އިތުރަށް ވިދާޅުވީ، މުޖުތަމަޢުގައި ހުންނަ ފިކުރީ، އިޖުތިމާޢީކަންކަން ހައްލުކުރުމުގައި ތަޢުލީމާއި ތަރުބިޔަތުގެ މަގަކީ ކާމިޔާބު މަގެވެ. އިސްލާމްދީނުގައިވާ ޢުޤޫބާތުގެ ޙުކުމްތަކަށް ވުރެ އަޚުލާޤީ ތަރުބަވީ އިރުޝާދުތަކާއި ސިފަތައް ގިނަވެފައި ވަނީ ކުށަށް އަރައިގަންނަން ފަސްޖެހޭ އިންސާނަކު ބިނާކުރުމަށާއި ފިކުރީ މައްސަލަތަކަކީ ހަމަ އެކަނި އަދަބުދީގެން ޙައްލު ކުރެވޭނޭ ކަންކަމެއް ނޫން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!