ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މާލޭގައި ހަމަޖައްސައިދޭންޖެހޭ: މައުސޫމް

ފަތުރުވެރިންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މާލޭގައި ފުރިހަމަކޮށް ދިނުމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މާލެސިޓީ ކައުންސިލުގައި އެދެފިއެވެ.
މިނިސްޓަރ މައުސޫމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައި ވަނީ ޒަމާނީ ފާޚާނާތަކާއި ވިއްސާރައިގައި ހިޔާވެވޭ ކަހަލަ ތަންތަން މާލެއަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޔޮޓުފަހަރުގެ ގެސްޓުން ފައިބާނެ ޖެޓީ އެމްޓީސީސީން ގުޅިގެން މިހާރު ކުރިޔަށްގެންދާ ކަމަށެވެ.
ފަތުރުވެރިންނަށް މިފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުން މުހިންމު ކަމަށާއި، ކައުންސިލްގެ އަރިހުގައި މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެދޭކަމަށް މައުސޫމް ވިދާޅުވިއެވެ.
ކޯވިޑް19އާ ގުޅިގެން މިވަގުތު މާލެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ދަށްވެފައެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައި ވަނީ ޖުމްލަ 468،387 ފަތުރުވެރިންނެވެ. މި މަހުގެ 8 ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 14،004 ފަތުރުވެރިންނެވެ.
މިވަގުތު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެވެސް ވަރަކަށް މަދުވެފައިވީ ނަމަވެސް އަންނަ މަހުން ފެށިގެން އަނެއްކާ ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓްރީން އަންދާޒާކުރެއެވެ.