ޚަބަރު

ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައީ މާލެ ސަރަޙައްދުގައި: އެފްޕީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި އަހަރުގެ ފުރަތަމަ ކުއަރޓާގައި ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ)އަށް ހުށަހެޅުނު ގެވެށި އަނިޔާގެ މައްސަލަތަކަށް ބަލާއިރު، ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ގްރޭޓަރ މާލެ ސަރަހައްދުން ކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

އެފްޕީއޭގެ ރިޕޯޓުތަކުން ބުނާ ގޮތުގައި، މާލެ ސިޓީއަށް ފަހު އެފަދަ މައްސަލަތައް އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ގދ އަތޮޅުން ވެސް ނިސްބަތުން ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވެއެވެ.

އެގޮތުން ގެވެށި އަނިޔާގެ 108 މައްސަލައެއް މާލޭ ސަރަޙައްދުން ރިފޯޓުކޮށްފައިވާ ކަމަށާއި، އައްޑޫ ސިޓީން އެ ބާވަތުގެ 23 މައްސަލައަކާއި، ފުވައްމުލަކު ސިޓީން 15 މައްސަލަ، އަދި ގދ. އަތޮޅުން 13 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް އެއޮތޯރިޓީގެ ތަފާސް ހިސާބު ތަކުން ދައްކައެވެ.

މީގެ އިތުރުން މެދުރާއްޖެތެރޭގެ އަތޮޅުތަކުން، އދ. އަތޮޅާ، ފ. އަތޮޅާ، އއ އަދި ވ. އަތޮޅުން ވެސް ގެވެށި އަނިޔާގެ މައްސަލަތަކެއް ވަނީ ރިޕޯޓު ކޮށްފައެވެ. އެގޮތުން އދ. އަތޮޅުން 7 މައްސަލަ، ފ. އަތޮޅުން 5 މައްސަލައިގެ އިތުރުން، އއ. އަތޮޅާއި ވ. އަތޮޅުން ދެ މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

އުތުރުގެ އަތޮޅުތަކަށް ބަލާއިރު ގެވެށި އަނިޔާގެ މައްސަލަތައް އެންމެ ގިނައިން ހުށަހެޅީ ހދ އާއި ޅ އަތޮޅުންނެވެ. އެގޮތުން އެ ދެ އަތޮޅުން ވެސް ގެވެށި އަނިޔާގެ 4 މައްސަލައެއް ރިޕޯޓުކުރި ކަަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަދި އޭގެ އިތުރުން ނ. އަތޮޅާއި، ރ.އަތޮޅުން ވެސް ތިން މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!