ދެވައްތަރުގެ ދެޑޯޒް ޖެހުމަކީ މައްސަލައެއް ނޫން: ޑރ. ފައިސަލް

ކޮވިޑުން ރައްކާތެރިވުމަށް ޖަހާ ވެކްސިންގައި ދެ ޑޯޒް ފުރިހަމަ ކުރާއިރު، ދެ ކުންފުންޏެއްގެ ނުވަތަ ދެ ވައްތަރެއްގެ ޑޯޒް ޖެހުމަކީ މައްސަލައެއް ނޫން ކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު ޑރ އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މައުލޫމާތު ދެއްވަމުން ޑރ ފައިސަލް ވިދާޅުވީ، ގިނަ ދިރާސާތަކެއް ކުރުމަށް ފަހު ދެ ވައްތަރުގެ ވެކްސިންއިން ދެ ޑޯޒް ފުރިހަމަ ކުރުމަކީ މައްސަލައެއް ނޫންކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވެސް ވަނީ ނިންމައިފައިވާ ކަމަށެވެ.
އެ ދިރާސާ ކޮށްފައި ވަނީ އެސްޓްރޮޒެނިކާ އަދި ފައިޒާ ވެކްސިން ބޭނުން ކޮށްގެންނެވެ. އަދި އެ ދިރާސާއިން ބަލައިފައި ވަނީ ހަށިގަނޑުގައި އެންޓިބޮޑީސް އުފެދޭ މިންވަރު ދަށްވޭތޯއާއި، އޭގެން އެއްވެސް ސައިޑް އިފެކްޓެއް ފެނޭތޯއެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒްޖަހާ ނަމަ އެއް އަލާމާތްތަކެއް ފެންނަން ހުންނަ ވެކްސިނެއް ނަމަ ދެވަނަ ޑޯޒް ޖެހުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ޑރ ފައިސަލް ވިދާޅުވިއެވެ.
އެސްޓްރޮޒެނިކާގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ލޭ ގަނޑުވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ފައިޒާ ވެކްސިންއިން ދެވަނަ ޑޯޒް ޖެހުމަށް ސިއްހީ މާހިރުން ލަފާ ދެމުންދާ ކަމަށާއި، ހަމަ އެ އުސޫލަށް މާބަނޑު މީހުންނަށް ވެސް އަމަލު ކުރެވޭނެ ކަމަށް ޑރ ފައިސަލް ވިދާޅުވިއެވެ. އަދި އެއް ޑޯޒް ޖަހާ ފަހުން ބަނޑުބޮޑުކަން އެނގިއްޖެނަމަ ދެވަނަ ޑޯޒް ފާއިޒާއިން ޖެހުން ރަނގަޅު ވާނެ ކަމުގައި ވެސް ޑރ ފައިސަލް ފާހަގަ ކުރެއްވިއެވެ.







ކޮމެންޓް