ޚަބަރު

ހިސާންގެ ބިލު ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެމްބަރަކު ވޯޓު ދެއްވި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުސްލިމަކާ ދިމާއަށް ލާދިނީ މީހެކޭ ބުނުން ކުށަކަށް ހަދަން އެމްޑީޕީގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުލްއުގޫބާތަށް ހުށަހެޅުއްވި އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އެމްޑީޕީގެ ހަތަރު މެންބަރަކު ވެސް ވޯޓު ދެއްވައިފިއެވެ.

Ads by MWSC

މިއަދު ބޭއްވި މަޖިލިސް ޖަލްސާގައި މި ބިލުގެ އިބްތިދާއީ ބަހުސް ނިންމައިލުމަށް ފަހު ބިލު ބަލައިގަތުމާ މެދު ވޯޓަށް ހުޅުވައިލުމުން، މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވީ 38 މެމްބަރުންނެވެ. އަދި 17 މެމްބަރަކު ވޯޓު ދެއްވީ ބިލު ބަލައިގަންނަން ނުފެންނަ ކަމަށެވެ. އޭގެ ތެރޭގައި ހިސާން ހިމެނިވަޑައިގަންނަވާ އެމްޑީޕީއަށް ނިސްބަތްވާ ހަތަރު މެމްބަރަކު ވެސް ހިމެނެއެވެ.

މި ބިލު ބަލައިގަތުމަށް ނުފެންނަ ކަމަށް ވޯޓު ދެއްވި އެމްޑީޕީ މެމްބަރުންގެ ތެރޭގައި ހިމެނެނީ ފުވައްމުލަކު ސިޓީގެ ތިން މެންބަރުން ކަމަށްވާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދާއި، ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީއާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު މުމްތާޒުއެވެ. މި ތިން މެމްބަރުންގެ އިތުރުން އެމްޑީޕީއަށް ނިސްބަތްވާ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް ވެސް ވޯޓު ދެއްވީ ހިސާނުގެ މި ބިލާ ދެކޮޅަށެވެ.

އެތައް ބައެއްގެ ނުރުހުމާ ފާޑުކިޔުން އަމާޒުވެފައިވާ މި ބިލާ ދެކޮޅަށް އިތުރަށް ވޯޓު ދެއްވީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ މެންބަރުންގެ އިތުރުން ޖޭޕީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދާއި ވިލިމާލެ ދާއިރާގެ އަމިއްލަ މެންބަރު އަހްމަދު އުޝާމް އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ.

  1. އަލީ

    ގައުމާ އިސްލާމްދީންދެކެލޯބިވާ ހިއްވަރުގަދަ 4 ފަހުލަވާނުންނަށް ސާބަސް.

    • ރަށިމީހާ

      ފުވައްމުލަކު ސިޓީގެ ތިން މެންބަރުންނަށް ސެލިއުޓް ކުރަން. ކޮންމެ ކުލައެއްގަ ތިއްބަސް ރައްޔިތުންގެ އިހުސާސްތަކަށް އިހުތިރާމް ކުރާކަން ތިޔަ މެންބަރުން ސާބިތުކޮށް ތިދިނީ..!

  2. ޖާނޭ

    ތިޔަ ބިލާ ދެކޮޅަށް ވޯޓް ދެއްވި އެންމެހާ މެމަބަރުންނަށް ޝުކުރިއްޔާ. ތިކުރެއްވީ ވަރަށް މަތިވެރި މަސައްކަތެއް.

  3. ޣުއިއްޒު

    މީހުންނާ ދިމާއަށް ކާފަރަށް ބަޅަށް އޫރަށް ގޮވުނު ވަރަކަށް ގޮވަމުން ގެންދޭ. ގިނައިން ވޯޓުލިބޭނެ.

  4. ދޮންމޮހޮނު

    ކޮބާ އެމް.ޑީ.ޕީ ގެ ފިޔަވަޅު އަޅާ ކޮމެޓީ . އަނެއްކާ މި ހަތަރު މެންބަރުން ދުއްވާނުލާނެބާ؟