ދޫކޮށްލާ ޙައްޤަކީ އަލުން އަނބުރައި ހޯދަން ވަރަށް އުނދަގޫ އެއްޗެއް: އަލީ ހުސައިން
ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް ކަމަށާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފި ނަމަ މާދަމާ އެކަމާ އިންތިހާއަށް ހިތާމަ ކުރަންޖެހިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އިޝާރާތް ކުރައްވައި އަދި އެ ބިލުގެ ނުރައްކާތެރިކަން ހާމަ ކޮށްދެއްވައި އެއްވެ އުޅުމުގެ ބިލަށް ވީ ގޮތް މިސާލަކަށް ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފި ނަމަ މާދަމާ އެކަމާ އިންތިހާޔަށް ހިތާމަ ކުރަން ޖެހިދާނެ ކަމަށެެވެ.
"ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ އެއްވެސް މިންވަރެއް މިއަދު ދޫކޮށްލައިފި ނަމަ މާދަމާ އެކަމާ އިންތިހާއަށް ހިތާމަ ކުރަންޖެހިދާނެ. ދޫކޮށްލާ އެއްވެސް ޙައްޤަކީ އަލުން އަނބުރާ ހޯދަން ވަރަށް އުނދަގޫ އެއްޗެއް. އެއްވެ އުޅުމުގެ ޙައްގައްވެސް ވީ ހަމަ އެހެން." މެމްބަރު ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.
"ނަފްރަތު" ބިލާމެދު ފާޑުކިޔުން ބޮޑުވެފައިވާ މިދަނޑިވަޅުގައި މެމްބަރު އަލީ ހުސައިން ދަނީ އެބިލާ ދެކޮޅަށް ފާޅުގައި އަޑު އުފުއްލަވަމުންނެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް ގިނަަ ކައުންސިލްތަކަކުން ދަނީ ބަޔާން ނެރެމުންނެވެ. އަދި މިބިލާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ. މީގެއިތުރުން މި ބިލް އަނބުރައި ނެންގެވުމަށް އެދި 101 އިލްމްވެރިއެއްގެ ސޮޔާ އެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއަށް ޕެޓިޝަނެއް ވެސް ވަނީ ހުށައަޅައިފައެވެ.