"މުރުތައްދުވެފައިވާ މީހެއް މުސްލިމަކު ނޫންކަމަށް ތުހުމަތު ނުކުރެވުމަކީ ދައުލަތުގެ ނިޒާމު ޢާންމު ޙިމާޔަތް ނުކުރެވުން"
މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުބުނެވުނަސް، މުރުތައްދުވެފައިވާ މީހެއްގެ މައްޗަށް މުސްލިމަކު ނޫންކަމަށް ތުހުމަތު ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ ނިޒާމު ޢާންމު ޙިމާޔަތް ނުކުރެވުން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލަށް އިޝާރާތް ކުރައްވައި ޑރ އިޔާޒް ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ މުސްލިމެއްގެ ގޮތުގައި އުފަންވާ ކޮންމެ މީހަކު މުސްލިމެއްގެ ގޮތުގައި ދެމި ނުހުރެދާނެ ކަމަށާއި އެހެންކަމުން އިސްލާމީ ޝަރީޢަތުގައި މުރުތައްދުވުމުގެ އަޙްކާމްތައް ބަޔާން ކުރެވިގެންވާ ކަމަށެވެ.
"މުސްލިމެއްގެ ގޮތުގައި ހުރި މީހަކު ފާޅުގައި ބަހާއި ޢަމަލުން، ޞަރީޙަކޮށް ނުވަތަ ޟިމްނީކޮށް ދީނުން ބޭރުވެއްޖެ ކަމުގެ ނިޒާޢެއް އުފެދިއްޖެ ނަމަ، އިސްލާމީ ދައުލަތުގެ ވެރިންނާއި ޢިލްމުވެރިންގެ މައްޗަށް ލާޒިމުވެގެން ވަނީ الأمر بالمعروف والنهي عن المنكرގެ މަތިވެރި އުޞޫލުން އެމީހަކާ މެދު ޢަމަލުކުރުން."ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވިއެވެ.
މުސްލިމަކާ ދިމާލަށް ކާފަރެކޭ ނުބުނެވުނަސް، މުރުތައްދުވެފައިވާ މީހަކުގެ މައްޗަށް މުސްލިމަކު ނޫންކަމަށް ތުހުމަތު ނުކުރެވުމުގެ ނަތީޖާއަކަށް ވެގެންދާނީ ދައުލަތުގެ ނިޒާމުޢާންމު ޙިމާޔަތް ނުކުރެވުން ކަމަށް ވިދާޅުވެ ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ މިސާލު ވެސް ވިދާޅުވެދެއްވައިފައެވެ.
"މިސާލަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މުރުތައްދު ވުމުން، އެވާހަކަ ދެއްކުން މަނާ ކުރެވިއްޖެ ނަމަ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ހ) ގެ (3) އަށް ރިޢާޔަތްކޮށް އެ މެންބަރެއްގައި ހުންނަން ޖެހޭ މުސްލިމަކަށް ވުމުގެ ޝަރްޠު އުނިވެއްޖެކަމަށް ބުނެ، ޤާނޫނުއަސާސީގެ 74 ވަނަ މާއްދާއާ ޙަވާލާދީ އެ މެންބަރަކު ވަކިކުރުމާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ހުށަހެޅުމުގެ ފުރުޞަތު ގެއްލިގެންދާނެ" ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޓްވީޓްގައި މިސާލު ނަންގަވަމުން ވިދާޅުވެފައިވެއެވެ.
އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަ ކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއް ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު ފާސް ކުރުމާ ދެކޮޅަށް ސޯޝަލް މީޑިޔާގައި ދަނީ ބޮޑު ކެމްޕޭނެއް ވެސް ކުރަމުންނެވެ. މީގެ އިތުރުން މި ބިލް އަނބުރައި ނެންގެވުމަށް އެދި 101 އިލްމްވެރިއެއްގެ ސޮޔާއެކު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙްއަށް ޕެޓިޝަނެއް ހުށައަޅައިފައި ވެއެވެ.