އަޅުގަނޑާއި ދޮށީ ދަރިފުޅަށް އިންޒާރު ލިބެމުން އެބަދޭ: އެމްޕީ އީސަ

ރައްޔިތުން މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާއަށާއި އޭނާގެ ދޮށީ ފިރިހެން ދަރިފުޅަށް ތަފާތު އެކި ކަހަލަ އިންޒާރުތައް ލިބެމުންދާ ކަމަށް އީސަ ވިދާޅުވެއްޖެއެވެ.
އީސަ މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވުމަށް ގެއެއް ހަމަޖެއްސެވުމަށާއި، ސެކިއުރިޓީގެ ބައެއް އިންތިޒާމްތައް ހަމަޖެއްސުމަށް ރައްޔިތުން މަޖިލީހަށް ހުށަހަޅައިފައިވާ ބިލުގެ ކޮމިޓީ ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުންނެވެ.
އީސަ ވިދާޅުވީ އޭނާއާއި ދޮށީ ދަރިފުޅު މުހައްމަދު ޖިދާދު އަހުމަދަށް ތަފާތު އެކި ކަހަލަ އިންޒާރުތައް އަންނަ ކަމަށާއި މީގެ ކުރިން އެއީ މާބޮޑު ކަމެއް ކަމުގައި ނުދެކޭ ކަމަށެވެ. އަދި މިއަދު އެއީ މީހަކު ރުޅިއައިސްގެން ރުޅި އަރުވަން ވެގެން ކޮށްލާ ކަމެއް ކަމުގައި ދެކިގެން ހަމައެކަނި ނުހުރެވޭނެ ކަމަށް ވެސް އީސާ ވިދާޅުވިއެވެ.
އީސައާއި އޭނަގެ ދޮށީ ދަރިފުޅަށް އިންޒާރު ލިބޭ ކަމަށް ވިދާޅުވި ނަމަވެސް އިންޒާރު ދެނީ ކޮން ބައެއް ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.
އީސައަށް އިންޒާރު ލިބެމުންދާ ކަމަށް ވިދާޅުވެފައި މި ވަނީ އޭނާގެ ކުރީގެ އަންހެނުން އަސްރާ ނަސީމު (އަސޫ) އަށް ގެވެށި އަނިޔާކުރުމުގެ ތުހުމަތުގައި ދައުލަތުން އޭނާގެ މައްޗަށް ދައުވާކޮށްފައިވާ ދަނޑިވަޅެއްގައެވެ. އަދި ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު ފެށުމަށް ތާވަލްކުރެވުނު ނަމަވެސް މައްސަލަ ބައްލަވާ ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ މިއަދުގެ އަޑުއެހުން ވަނީ ކެންސަލް ކޮށްފައެވެ.