މިއަދު މަރައިލި 13 އަހަރުގެ ކުއްޖާއަކީ މަޑަވެލީ ކުއްޖެއް، އުޅެބޮޑުވީ މާލޭގައި

ކޮވިޑާ ގުޅިގެން މާލޭގައި ކާފިއު ހިންގަމުން ދިޔަ ވަގުތެއްގައި، މަރައިލުމަށް ފަހު، ފޮއްޓަކަށް ލައިފައި އޮތް ކުއްޖާއަކީ ގދ. މަޑަވެލި ކުއްޖެއްކަން އެނގިއްޖެއެވެ.
”ދެން” އަށް މަޢުލޫމާތު ދެމުން މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް ހަސަން ވިދާޅުވީ އެ ކުއްޖާގެ ބައްޕައަކީި މަޑަވެލި މީހެއް ކަމަށެވެ. އަދި އެ ކުއްޖާގެ މަންމައަކީ މާލެ މީހެއް ކަމަށާއި އެ ކުއްޖާ އުޅެ ބޮޑުވީ ވެސް މާލޭގައި ކަމަށް ފިޔާޒް ވިދާޅުވިއެވެ.
“އެ ކުއްޖާގެ ބައްޕައަކީ މަޑަވެލީ މީހެއް. މަންމައަކީ މާލޭ މީހެއް. އެ އަންހެން މީހާގެ އަމިއްލަ ގެދޮރު ވެސް މާލޭގަ ހުރޭ. އެ ކުއްޖާ އުޅެ ބޮޑުވީ މާލޭގަ” ފިޔާޒް ވިދާޅުވިއެވެ.
“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަރައިލައިފައި އޮއްވާ ފެނިފައި ވަނީ ރާއިޝް އަންވަރު ނަމަކަށް ކިޔާ ކުއްޖެކެވެ. އަދި ރާއިޝްގެ ހަށިގަނޑުގައި އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ވަރަށް ބޮޑަށް ފެންނަން ހުއްޓެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށާއި އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރައިލައިފައި އޮއްވައި ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ވަނީ ރޭ ވަނީ ހައްޔަރުކޮށްފައެވެ