ދީނީ އިލްމުވެރިންނަށް ބިރުދެއްކުން ހުއްޓައިލާން ގޮވައިލައިފި
ދީނީ އިލްމުވެރިންނަށް ބިރު ދެއްކުމާއި، އެބޭފުޅުންގެ ޝަރުއީ ޒިންމާ އަދާ ކުރުމަށް ހުރަސް އަޅަން އިންތިޒާމް ކުރާ ހަރަކާތްތައް ހުއްޓައިލާން ރައްޔިތުންގެ އިއްތިހާދުން ގޮވައިލައިފައެވެ.
ރައްޔިތުންގެ އިއްތިހާދުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މަކަރުވެރިކަމާއި ހީލަތުން ސެކިއުލަރިޒަމަށް މަގުފަހިވާ ގޮތަށް ނަފުރަތުގެ އަމަލު ހިންގުން ހުއްޓުވުމުގެ ނަމުގައި ބިލެއް ހުށަހަޅައިފައިވާ ކަމަށެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފުރަތުގެ ބިލާ ދެކޮޅަށް އާންމުންގެ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅު ކުރައްވަމުންނެވެ.
އެގޮތުން ގައުމު މިފަދަ ހާލަތެއްގައި އޮތް އިރު ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގެ ދުސްތޫރީ މާނައާއި އޭގެ އެކިއެކި މާއްދާތަކާ ހިލާފަށް، އިސްލާމިކް މިނިސްޓްރީގެ ބަހެއް ނެތި ބައެއް މުއައްސަސާތަކުން އިސްވެ، ރާއްޖޭގެ ދީނީ އިލްމުވެރިން ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތަކާ ގުޅުވައިގެން ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވައިލައިފައެވެ.
މީގެ އިތުރުން، ބައެއް މުއައްސަސާތަކުން ސުވާލުކޮށް ބިރުދެއްކުމުގެ މާނައިގައި، ހިންގާ އެންމެހައި އަމަލުތައް ވަގުތުން ހުއްޓައިލުމަށް އިލްތިމާސް ކުރާ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ހަމައެއާ އެކު ގާނޫނު އަސާސީގެ 27 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ފަދައިން އިސްލާމް ދީނުގެ އަސްލުތަކާ ހިލާފު ނުވާ ގޮތަށް ފާޅުކުރާ ހިޔާލުތައް ނުހުއްޓުވޭނެ ކަމަށާއި، އެކަން ހުއްޓުވައި އިލްވުމެރިންނަށް ބިރު ދެއްކުމަކީ މީގެ ކުރިން ވެސް މުޖުތަމައުގައި ފަސާދައާއި ނަފުރަތު އުފެދި ދިވެހި ރައްޔިތުންނަށް ނުތަނަވަސްކަން ގެނުވި ކަންކަން ކަމަށް ފާހަގަ ކުރައްވައި، އެފަދަ ހާލަތަކަށް ރާއްޖެ ނުގެންދިއުމަށް އެ ބަޔާނުގައި ވަނީ ގޮވައިލައްވައިފައެވެ.
ދީނީ އިލްމުވެރިން މި ރާއްޖެ އަފްގާނިސްތާނުގެ ކަންދަހާރަށް ހެދިޔަ ނުދެއްވާށެވެ.