ޚަބަރު

އޮމަދޫ ވޭސްޓް މެނޭޖްމެންޓް ސެންޓަރަކަށް އިންތިޒާރު ކުރާތާ 20 އަހަރު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
އދ އޮމަދޫ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ ހުދުވެލި މޯލްޑިވްސް

ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމް ކުރުމަށް މަސައްކަތް ކުރަމުން އަންނަތާ 20 އަހަރު ވެފައިވާ ކަމަށާއި އެހެން ނަމަވެސް މިހާތަނަށް ވެސް އެކަމަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް އދ. އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހިމް އާދިލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވޭސްޓް މެނޭޖްމެންޓު ސެންޓަރެއް އޮމަދޫގައި ގާއިމް ކުރުމަށް ކުރަމުން އަންނަ މަސައްކަތާ ބެހޭ ގޮތުން "ދެން"އަށް މައުލޫމާތު ދެއްވަމުން އާދިލް ވިދާޅުވީ އޮމަދުއަށް މިފަދަ ޕްރޮޖެކްޓެއް ގެނެވޭތޯ ސަރުކާރުގެ ވެރިންނާއި، ޚާއްޞަކޮށް އެންވަޔަރުމެންޓް މިނިސްޓްރީއާ އެކު އެތައް ބައްދަލުވުންތަކެއް  ބޭއްވިފައިވާ ކަމަށެވެ.

" އޮމަދުއަށް މިފަދަ ޕްރޮޖެކްޓެއް ގެނެވޭތޯ ސަރުކާރުގެ ވެރިންނާއި، ޚާއްޞަކޮށް އެންވަޔަރުމެންޓް މިނިސްޓްރީ އާއެކު އެތައް ބައްދަލުވުންތަކެއް ވަނީ ބޭއްވިފަ. ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އެންވަޔަރުމެންޓް މިނިސްޓްރީގެ ވެރިންނާ އެކު އެތައް ބައްދަލުވުމެއް ބޭއްވުނު. އެހެން ނަމަވެސް އަދި ހަމަ ނުވެގެން މިއުޅެނީ" ވޭސްޓް މެނޭޖްމެންޓް ސެންޓަރ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތާ ބެހޭ ގޮތުން އާދިލް ވިދާޅުވިއެވެ.

އާދިލް ވިދާޅުވީ އެންވަޔަރަމެންޓް މިނިސްޓްރީން އަންގައިގެން ވޭސްޓް މެނޭޖްމެންޓު ސެންޓަރެއް ގާއިމު  ކުރާނެ ބިން މިނިސްޓްރީގެ މިންގަނޑުތަކާ އެއްގޮތަށް ހަމަޖެއްސުމަށް ފަހު އެ މިނިސްޓްރީއަށް އެކަން އަންގައިފައި ވާކަމަށެވެ.

"ކޮންމެ އަހަރެއްގައި ވެސް އަނެއް އަހަރުގެ ބަޖެޓްގައި ނުވަތަ ޕްރޮޖެކްޓެއްގެ ތެރެއަށް ލައިގެން ކުރިއަށް ގެންދާނެކަމަށް ވިދާޅުވަމުންދާތާ ވިހި އަހަރުވީ. އެެއްވެސް ކުރިއެރުމެއް މިހާތަނަށް ވެސް ލިބިފައި ނުވުމަކީ ކަންބޮޑުވާ ކަމެއް. މިރަށަކީ ރާއްޖޭގެ އެންމެ ސާފުތާހިރު އެއްރަށް ، އެކަމުގެ ފެހި ފަތް ވެސް ލިބިފައިވާ ރަށެއް" އޮމަދޫ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މުޅިރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެތައް ބައިވަރު ޕްރޮޖެކްޓްތަކެއް ކުރިއަށް ދާއިރު އޮމަދޫގައި އެއްވެސް ޕްރޮޖެކްޓެއް ނުވަތަ ސަރުކާރުގެ އެއްވެސް ޙަރަކާތެއް ކުރިއަށް ނުދިއުން އެއީ ރައްޔިތުންނަށް ނުހަނު މާޔޫސްކަން ލިބޭ ކަމެއްކަމަށް ވެސް އާދިލް ވިދާޅުވިއެވެ. އެހެން ނަމަވެސް ހިތާމައަކީ ރާއްޖޭގެ ހުރިހާ ރަށްރަށެއްގައި ސަރުކާރުން، ވޭސްޓް މެނޭޖެމެންޓް ސެންޓަރ ޤާއިމް ކުރަމުންގެންދާ އިރު އޮމަދޫއަށް އެއްވެސް އެހީތެރިކަމެއް ނެތުންކަން އާދިލް ވަނީ ކަންބޮޑުވުމާ އެކު ފާހަގަ ކުރައްވައިފައެވެ.

އދ. އޮމަދޫއަކީ ރާއްޖޭގެ އެންމެ ސާފުތާހިރު އެއްރަށުގެ ގޮތުގައި އަބަދުވެސް ފާހަގަ ކުރެވޭ ރަށެކެވެ. އަދި ކުނި ނައްތާލުމުގައި ކުރަމުންގެންދާ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން 05 ޖޫން 1999 ގައި ވަނީ ރައީސުލްޖުމުހޫރިއްޔާ ދެއްވާ ފެހިފަތް އެ ރަށަށް ލިބިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!