ކުކުޅު ބިހުގެ ތެރެއިން ފައިދާ ބޮޑީ ކޮން ކުލައެއްގެ ބިހެއް؟
ހަށިގަނޑަށް ބޭނުންވާ މުހިންމު ވިޓަމިންތަކާއި، މިނެރަލް، އަދި ޕްރޮޓީން އެކުލެވިގެންވާ، ބިހަކީ ވަރަށް ފައިދާ ހުރި ކާނާއެކެވެ. މިއީ ދިވެހީންގެ ތެރޭގައި ވަރަށް މަގުބޫލު ކާނާއެއް ވެސް މެއެވެ.
މުޅި ދުނިޔޭގައި ވެސް ހެނދުނުގެ ނާސްތާއަށް އެންމެ މަގްބޫލް އެއްޗަކީ ބިހެވެ. ބިހަކީ އެކި ގޮތްގޮތަށް ބޭނުން ކުރެވޭ އެއްޗެކެވެ. ރިހަ، ސެލެޑް، ނޫޑުލްސްގެ އިތުރުން ފިހެގެން ވެސް ބިސް ބޭނުން ކުރެވެއެވެ. ހަށިގަނޑުގެ ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ޓަކައި ކޮންމެ ދުވަހަކު ބިހެއް ކެއުމަށް ސިއްހީ މާހިރުން ލަފާދެއެވެ.
ދެ ބާވަތެއްގެ ބިހެއް އާއްމުކޮށް ލިބެން ހުރެއެވެ. އެއީ ހުދު އަދި މުށި ކުލައިގެ ބިހެވެ. މި ދެ ބާވަތުގެ ތެރެއިން ހަށިގަނޑަށް އެންމެ ރަނގަޅު ބާވަތަކީ ކޮބައިކަމާ މެދު ކުރެވޭ ބަހުސް އަހަރުމެންގެ ތެރޭގައި ވެސް އޮވެއެވެ.
މުށި ކުލައިގެ ބިސް ލިބެން ހުންނަނީ ހުދު ކުލައިގެ ބިހަށް ވުރެ އަގު ބޮޑު ކޮށެވެ. އެހެންވުމުން، ގިނަމީހުންނަށް ހީވެފައި އޮންނަ ގޮތުން، މުށި ކުލައިގެ ބިހަކީ ހަށިގަނޑަށް އެންމެ ފައިދާ ހުރި ބިހެވެ. އެހެން ނަމަވެސް، އެއްޗެއްގެ އަގު ބޮޑުވުމަކީ، އެ އެއްޗަކުން ގިނަ ފައިދާ ލިބެން ޖެހޭ ސަބަބެއް ނޫނެވެ.
ހުދު ކުލައިގެ ބިހަށް ވުރެ، މުށި ކުލައިގެ ބިހުގައި ފައިދާ ހުންނަ ކަމަށް ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫނެވެ. ފަހުގެ ދިރާސާއަކުން އެކަން ވަނީ ހާމަވެފައެވެ. އެގޮތުން، އެ ދެ ބާވަތުގެ ބިހުގެ ނިއުޓްރިޝަނަލް ވެލިއުއަށް ބަލާއިރު، މާ ބޮޑު ތަފާތެއް ނެތްކަން ވަނީ އެ ދިރާސާއިން ޔަޤީން ކުރެވިފައެވެ.
ހުދު އަދި މުށި ކުލައިގެ ބިހުގެ ބައެއް ސިފަތަކާއި، ތަފާތުތަކުގެ ތެރޭގައި، ދެ ބިހުގެ ރަހައިގައި ހުންނަނީ ވަރަށް ވެސް ކުޑަކުޑަ ފަރަގެކެވެ. ރަހައަށް ވިސްނައިގެން ކައިފި ކޮންމެ މީހަކަށް މި ފަރަގު ދެނެގަނެވޭނެކަން ޔަގީނެވެ.
ހަމައެއާ އެކު ދެ ވައްތަރުގެ ބިހުގައި ނިއުޓްރިޝަން އެކުލެވޭ މިންވަރު ވަރަށް ވެސް ތަފާތެވެ. އެގޮތުން ބިހުގައި ހުންނަ ނިއުޓްރިޝަންއަށް ބަލާއިރު، ދެ ވައްތަރުގެ ބިހުގައި ވެސް ކޮލެސްޓްރޯލް، ޕްރޮޓީން، އަދި ކެލަރީސް ހުންނަނީ ދާދި އެއްވަރަކަށެވެ. އެހެން ނަމަވެސް މުށި ބިހުގައި "އޮމެގާ 3" އެކުލެވޭ މިންވަރު ގިނައެވެ.
މީގެ އިތުރުން ދެ ބިހުގެ އަގަށް ބަލާއިރު މުށި ކުލައިގެ ބިހުގެ އަގު ތަންކޮޅެއް ބޮޑެވެ. އެހެން ނަމަވެސް، އަނެއްކާ ވެސް ދަންނަވާލަން ޖެހެނީ ބިހުގެ އަގަކީ ބިހުން ލިބޭނެ ފައިދާއާ އެއްވެސް ގުޅުމެއް ހުރި އެއްޗެއް ނޫން ކަމެވެ.