ރިޕޯޓް

ލުއި ދީފި، ފަރުވާ ކުޑަކޮށްނުލާތި!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ކޮވިޑް-19 އަށް ޓެސްޓް ކުރަނީ -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

މިއަދު މިއީ ރާއްޖޭގައި ކޮވިޑް19ގެ ފުރަތަމަ ވޭދަނަ އެއް ފެނުނުފަހުން ދިވެހިން އެންމެ ހިތްހަމަޖެހި އުފާވި އެއް ދުވަހެވެ. "ކަރަންޓީނު ޖަލަށް" ނުގޮސް އާއިލާއާއި އަނބިދަރިން ގާތަށް ދިޔުމުގެ ފުރުސަތު މިއަދު މިވަނީ ގިނަ ރައްޔިތުންނަށް ލިބިފައެވެ. ރާއްޖޭގެ ކޮވިޑް19ގެ ހާލަތު ރަނގަޅުވެ ލުއިތައް ދެމުންދާއިރު މިއަދު މިދިން ލުއިތަކަކީ މިހާތަނަށް ދެވުނު އެންމެ ބޮޑު ލުއިތަކެވެ.

Ads by MWSC

މިއަދު ދިން ލުއިތަކަށް ބަލައިލާއިރު، އެންމެ ބޮޑު ލުޔެއް ކަމަށް ފާހަގަ ކުރެވުނީ އެންމެގިނަ މީހުން އިންތިޒާރު ކުރި ލުޔެވެ. ވެކްސިންގެ ދެ ޑޯޒް ޖަހައި 14 ދުވަސް ވެފައިވާ ފަރާތްތަކުން މާލެއިން މޮނިޓަރިންގައި ނެތް ރަށްރަށަށް ނައްސި ޕީސީއާރް ޓެސްޓަކާ އެކު ދަތުރުކުރެވޭނެ ކަމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. މި ލުޔާ އެކު ރިޒޯޓްތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް ކަރަންޓީނާ ނުލައި ރަށަށް ދެވޭނެއެވެ.

މީގެ އިތުރުން ޖުލައި 15އިން ފެށިގެން ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިންނަށް ރިސޯޓުތަކަށް ދަތުރު ކުރެވޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ރިސޯޓުތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އެ ރިސޯޓުތަކުގައި ދާއިމީކޮށް ޓެސްޓު ކުރެވޭނެ އިންތިޒާމެއް ރޭވިފައި އޮންނަން ވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް މިއަދު ވިދާޅުވިއެވެ. ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު ކުރިން ގޯސްވުމާ ގުޅިގެން، އިންޑިއާ ހިމެނޭހެން ދެކުނު އޭޝިއާގެ ޤައުމުތަކުން ރާއްޖެއަށް ފަތުރުވެރިން އެތެރެވުން މަނާކުރިއެވެ. އެއަށް ފަހު ހާލަތު ރަނގަޅު ވުމާ ގުޅިގެން ކަރަންޓީނު ވާ ގޮތަށް، ދެކުނު އޭޝިއާގެ ޤައުމުތަކަށް ބޯޑަރު ހުޅުވަން މީގެ ހަފްތާއެއް ކުރިން ވަނީ ނިންމައިފައެވެ. އެހެން ނަމަވެސް މިއަދު މި އިއުލާނު ކުރި ލުޔާ އެކު ދެކުނު އޭޝިއާއިން އަންނަ ފަތުރުވެރިން ކަރަންޓީން ވާކަށް ނުޖެހޭނެއެވެ.

ކޮވިޑް19އާ ގުޅިގެން މާލޭގައި ހިންގައިފައިވާ ކާފިއު ވެސް މިވަނީ އުވައިލައިފައެވެ. ރޭގަނޑު 8:00އިން ފަތިހު 4:00އަށް ކާފިއު އިއުލާނުކުރީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިހާރު މާލެ ސަރަޙައްދުގައި އިއުލާން ކޮށްފައިވާ ކާފިއު ވަގުތު އުވައިލުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މިއާ އެކު ވިޔަފާރި ކުރާ ތަންތަނާއި ކެފޭ ރެސްޓޯރަންޓުތަކުގެ ޚިދުމަތްތައް ވެސް އުސޫލުތަކާ އެއްގޮތަށް ދޭން ފެށޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ހަމައެހެންމެ ރޭގަނޑު 11:30 ވަންދެން ރެސްޓޯރެންޓްތައް ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ދީ، ފިހާރަތައް ވެސް އާއްމު އުސޫލުގެ މަތިން ހުޅުވައިފައި ބެހެއްޓުމުގެ ހުއްދަ ވަނީ ދީފައެވެ.

މުވައްޒިފުން ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތަކުގެ އިތުރުން ޑޭ ކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ވެސް މިއަދު ވަނީ ދީފައެވެ. މީގެ އިތުރުން މާލޭ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވެސް މިއަދު ދީފައިވީ ނަމަވެސް ކުޅިވަރު މުބާރާތްތައް ކުރިޔަށް ގެންދިއުމުގެ ހުއްދައެއް ނުދެއެވެ.

ރައްޔިތުން އުއްމީދު ކުރި އަދި ބޭނުންވި ލުއިތައް ލިބިއްޖެއެވެ. އެހެން ނަމަވެސް ލުއިތަކާ އެކު ރައްޔިތުންގެ އަމަލުތައް އެދެވޭ ގޮތަކަށް ނުބަހައްޓައިފި ނަމަ އަނެއްކާ ވެސް ފިޔަވަޅުތައް ހަރުކަށި ކުރާނެކަމުގެ އިންޒާރު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ދީފައެވެ.

ވިސްނަންވީ ކަމަކީ ވެސް ސަމާލުވާންވީ ކަމަކީ ވެސް މިފަދަ ލުއިތަކެއް މީގެ ކުރިން ވެސް ދީފައިވާއިރު ސަރުކާރުންދޭ ލުއިތަކާ އެކު އަސްލު ހާލަތު ހަނދާން ނެތި އެޗްޕީއޭގެ އުސޫލަށް ބެލުމެއް ނެތި ރައްޔިތުންނަށް ފަރުވާ ކުޑަކޮށްލެވޭކަމެވެ. އަދި އެކަމުގެ ސަބަބުން އެތައް ގެއްލުމެއް ލިބި އެތައް ހިތާމައެއް އުފުލަން ޖެހިފައިވާ ކަމެވެ. ސަރުކާރުންދޭ ލުއިތައް ދަމަހައްޓަން ބޭނުންވާ ނަމަ ރައްޔިތުންގެ އެއްބާރުލުމަކީ ނުހަނު މުހިންމުކަމެކެވެ. އެހެންކަމުން ރައްޔިތުންގެެ އެއްބާރުލުމާ އެކު މިނުރައްކާތެރި ހާލަތުން އަރައިގަތުމަށް މަސައްކަތް ކުރަމާހިނގާށެވެ. އިރާދަކުރެއްވިއްޔާ ސަލާމަތްވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!