ރައީސް ނަޝީދަށް ހަމަލާދޭން އުޅުނު ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ: ފުލުހުން
އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީނު މިނިވަން ކުރުމަށާއި، އިންސާފަށް އެދި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގައި، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދޭން އުޅުނު ކަމުގެ އެއްވެސް މައުލޫމާތެއް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ޖަޒީރާ" އިން ފުލުހުންނާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އެފަދަ ހަމަލާއެއް ދޭން އުޅުނު ކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، އެފަދަ ކަމެއް ރާވާފައި ނުވަތަ ރާވަމުން އަންނަ މައުލޫމާތެއް ވެސް ލިބިފައި ނުވާކަމަށެވެ. އަދި މުޒާހަރާ ވެރިން ރައީސް ނަޝީދު ދިރިއުޅުއްވާ ގެ، ކެނެރީގެ ދޮށުގައި ވެސް މުޒާހަރާ ކުރިކަމަށާއި، އެހެންނަމަވެސް ކެނެރީ ގޯޅިއަށް ވަންނަން އުޅުމުން އެސަރަހައްދަށް މުޒާހަރާ ވެރިންނަށް ނުވަދެވޭ ގޮތް ހެދި ކަމުގައި ވެސް ފުލުހުން ފުލުހުން ވިދާޅުވި ކަމަށް އެނޫޙުން ރިޕޯޓްކުރެއެވެ.
ރައީސް ނަޝީދަށް ހަމަލާން ދޭން އުޅުއްވި ވާހަކަ ފުލުހުން ދޮގު ކުރިނަމަވެސް، އެމްޑީޕީގެ މެންބަރުން ދަނީ ރައީސް ނަޝީދަށް ހަމަލާ ދޭން އުޅޭ ކަމަށް ބުނެ ޓްވިޓަރގައި ނުރުހުން ފާޅު ކުރަމުންނެވެ. މިގޮތުން ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހަލީމު (ދޮންބިލެތް) ކުރެއްވި ޓުވީޓެއްގައި ވަނީ، ޕީޕީއެމްއިން މުޒާހަރާވެސް ކުރަންވާނެކަމަށާއި އެކަމަކު ރައީސް ނަޝީދުގެ ގޭ ދޮށަށް ގޮސް ރައީސް ނަޝީދަށް ހަމަލާދޭން އުޅުމަކީ މުޒާހަރާ ކުރުމެއް ނޫންްކަމަށް ވިދާޅުވެފައެވެ. މި ޓްވީޓް ރައީސް ނަޝީދުވަނީ ރީޓްވީޓް ކުރައްވާފައެވެ.
މިކަމާ ގުޅިގެން އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަޙީމް އަބްދުالله (އަދުރޭ) “ދެން”އާ ވާހަކަ ދައްކަވަމުން ވިދާޅުވީ، އެއީ ފިތުނަފަސާދަ އުފައްދަން އެމްޑީޕީން ދައްކާ ވާހަކަތަކެއް ކަމަށާއި، ރައީސް ޔާމީނުގެ ހައްގުގައި އިދިކޮޅުން ކުރަމުން އަންނަ މަސައްކަތްތަކަށް ހުއްޓުވުމަކަށް ގެނައުމަށް ކުރާ މަސައްކަތް ތަކެއް ކަމަށެވެ.