ރައްޔިތުންގެ މަޖިލީހުގަ އޮތީ “ފިނޑި” ސުޕަ މެޖޯރިޓީއެއް، އެމްޑީޕީ މެންބަރުން ލަދުގަންނަން ޖެހޭ: މީކާއީލް

އެމްޑީޕީގެ މެޖޯރިޓީއަކީ "ފިނޑި" މެޖޯރިޓީއެއް ކަމަށާއި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ފޮނުވައި އެ ބިލު ދިފާޢުކޮށް ވާހަކަ ނުދެއްކުމަކީ ލަދުވެތިވާންޖެހޭކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއީލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަދި ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ގާނޫނުލް އެގޫބާތަށް އިސްލާހު ގެނައުުމުގެ ބިލު އެކުލަވައިލި ރިޕޯޓަށް ބަހުސް ކުރައްވަމުން މީކާއީލް ވިދާޅުވީ އެ ބިލަކީ ހިސާންގެ ބިލެއް ނޫން ކަމަށާއި އެ ބިލަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ ބިލެއް ކަމަށެވެ. އަދި އެ ބިލަކީ ދީނާ ގުޅުވައިގެން ނަފްރަތު އުފައްދައި ރާއްޖޭގައި އެތައް ބަޔަކު މަރައިފައި ވާތީ، ރާއްޖޭގެ އޮތް ބިރުވެރިކަން ސަލާމަތް ކުރުމަށް ހުށަހެޅި ބިލެއް ކަމަށެވެ.
"މި ބިލަކީ ހިސާންގެ ބިލެއް ނޫން. މި ބިލަކީ ކޯލިޝަންގައި ހިމެނޭ ގާސިމް އިބްރާހީމްގެ ބިލެއް ނޫން، މި ބިލަކީ އިމްރާންގެ ބިލެއް ނޫން، މި ބިލަކީ ރައީސްގެ ބިލެއް. މި ބިލަކީ ރާއްޖޭގަ އޮތް ބިރުވެރިކަމުން ސަލާމަތްކުރުމަށް ހުށަހެޅި ބިލެއް" މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއިލް ވިދާޅުވީ މި ބިލް ރައްޔިތުންގެ މަޖިލީހަށް އައި ހިސާބުން މަޖިލީހުގެ މެންބަރުން މި ބިލް ދިފާޢުކޮށްފައި ނުވާ ކަމަށެވެ. އަދި މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ފޮނުވައި އެ ބިލް ދިފާޢުކޮށް އެއްވެސް މެންބަރަކު ވާހަަކަ ނުދެއްކުމަކީ ލަދުވެތިކަމެއް ކަމަށާއި މިއަދު މި ބިލާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު އެމްޑީޕީގެ "ފިނޑި މެޖޯރިޓީ" ޔާމީން ރަޝީދޭ ނުވަތަ، ޑރ. އަފަރާޝީމޭ ކިޔައިގެން ނުވާނެ ކަމަށެވެ.
"މި ބިލާ ދެކޮޅަށް ވާހަކަ ދެއްކުމަށްފަހު އެމްޑީޕީގެ "ފިނޑި މެޖޯރިޓީ" ބްލޮގަރ ޔާމީން ރަޝީދޭ ނުވަތަ، މަރައިލައިފައިވާ ޑރ. އަފަރާޝީމޭ ކިޔައިގެން ނުވާނެ. ކުފުރު އިބިލީހަށް ގޮވައިފައޭ ޑރ. އަފްރާޝީމް ގަތުލު ކުރުމާ ހަމަޔަށް ގެންދިޔައީ. މިސްކިތެއްގައި ހުއްޓާ ކުފުރު އިބިލީހަށް ގޮވި ގޮވީނުން އޭނާ ގަތުލު ކުރުމާ ހަމަޔަށް ފޮނުވީ، އެކަން މަނާ ކުރުމަށް ގެނައި ބިލެއް މި ބިލަކީ. ކޮންއެއްޗެއްތޯ މީގަ އޮތީ ދީނާ ހިލާފު، އެއްވެސް އެއްޗެއް ނެތް" މީކާއީލް ވިދާޅުވިއެވެ.
މީގެ އިތުރުން މީކާއީލް ވިދާޅުވީ ރާއްޖޭގައި ތިބީ ސިޔާސީ ޖާރިޔާއިންނަށް ހެދިގެން ދީން ވިއްކަން ދަސްކޮށްގެން ކޮންމެ ކެމްޕޭނަކާ ދިމާކޮށް އެކި ރަށްރަށުގައި ދީން ހަތިޔާރަކަށް ހަދާ މީހުން ކަމަށާއި އިލްވެރިން ނޫން ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރަކަށްވެ ހުރެ، މަޖިލީހަށް ވަދެ ޔާމީނާއި، ޑރ. އަފްރާޝީމްގެ ވާހަކަ ދެއްކުމަށް ފަހު މި ބިލާ ދެކޮޅަށް ވާހަކަ ދައްކަން ލަދު ގަންނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވާހަކަފުޅު ނިންމަވައިލަމުން ވެސް މީކާއީލް ވަނީ މި ބިލާ ގުޅިގެން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީގައި ތިބީ ފިނޑި 65 މެންބަރުން ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި އޮތީ ވެރިކަންކުރާ "ފިނޑި" ސުޕަ މެޖޯރެޓީ ކަމަށެވެ.