މަޑަވެލިން ކޮވިޑް-19 އަށް މީހަކު ފައްސިވެއްޖެ

ގދ. މަޑަވެލިން ކޮވިޑް-19 އަށް މީހަކު ފައްސި ވެއްޖެއެވެ.
މަޑަވެލި ކައުންސިލު ނައިބު ރައީސް އަޒަލް މުޙައްމަދު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފައްސި ވެފައިވަނީ އެރަށުގައި ކަރަންޓީނުގައި ހުރި ބިދޭސީ ފިރިހެނެއް ކަމަށެވެ.
"ކަރަންޓީނުގެ މުއްދަތު ހަމަވެގެން ނެގި ރިލީސް ސާމްޕަލުން އެނގުނީ ފައްސިކަން. އެހެންކަމުން އޮންނަ އުސޫލުގެ މަތިން އިތުރު 14 ދުވަސް ކަރަންޓީނަށް އެމީހާ ލާފައި ވަނީ" އަޒަލް ވިދާޅުވިއެވެ.
އެމީހާއާ އެއްވެސް މީހަކާ ބައްދަލުވެފައި ނުވާ ކަމަށް ވެސް އަޒަލް ވިދާޅުވިއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު އިއްޔެ ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 110 މީހުންނާއި، އަތޮޅުތެރެއިން 20 މީހަކާއި ހިންގަމުން އަންނަ ރިސޯޓުތަކުން 7 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 16،547 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 14،472 މީހުންނެވެ. އަދި މިބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޖުމްލަ އަދަދު މިހާރު 54 އެވެ.