ދުނިޔެ

ފައިޒާ ވެސް ތިންވަނަ ޑޯޒަކަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ފައިޒާ-ބައޯއެންޓެކްއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމުގެ ހުއްދައަށް އެ ކުންފުނިން އެމެރިކާގެ އިދާރާތަކުގެ ކިބައިން އެދިއްޖެއެވެ.

Ads by WAMCO

ފައިޒާއިން ބުނެފައި ވަނީ ދެވަނަ ޑޯޒް ފުރިހަމަ ކުރިތާ 12 މަސް ފަހުން ތިންވަނަ ޑޯޒެއް ޖެހުމުން ވެކްސިނުގެ ބާރުގަދަވެ، ކުރިޔަށް އޮތްތާންގައި އުފެދޭނެ ވައިރަސް ވޭރިއަންޓްތަކުން ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

މިހާރު ހެދިފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި މިހާރު ދުނިޔޭގެ އެންމެ ހަލުވިކަމާ އެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓް (އިންޑިއާ ވޭރިއަންޓް)އިން ފައިޒާ ވެކްސިނުން ރައްކާތެެރި ކޮށްދެއެވެ. ވެކްސިންގެ މަސައްކަތް ރަނގަޅަށް ކުރަން ފަށަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުންނެވެ. އެހެން ނަމަވެސް ވެކްސިން އުފެއްދުމުގައި ދުނިޔެއަށް ކުރިމަތިވެފައިވާ ދަތިތަކާ ހުރެ ވެކްސިންގެ ދެވަނަ ޑޯޒް ނުޖެހި ވެސް އެތައް ބަޔަކު އެބަ ތިއްބެވެ.

އެސޯސިއޭޑެޓް ޕްރެސްއާ ވާހަކަ ދައްކަމުން ފައިޒާގެ ޑރ.މައިކަލް ޑޮލްސެން ވިދާޅުވީ، އެފަރާތުން ކުރި ދިރާސާތަކުން ދައްކާ ގޮތުގައި ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމުން ވައިރަހުން 10 ގުނަ ރައްކާތެރިކަން ލިބޭ ކަމަށެވެ.

ޑރ.މައިކަލް ވިދާޅުވީ އޯގަސްޓް މަހުގެ ތެރޭގައި ތިން ވަނަ ޑޯޒެއް ޖެހުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ދެއްވާނެ ކަމުގެ އިޝާރާތެއް މިހާރު ދީފައިވާ ކަމަށެވެ.

ފައިޒާއިން މިހެން ބުނެފައި ވަނީ އެމެރިކާގެ ސަރުކާރުން އެ ޤައުމުގައި އަދި ތިންވަނަ ޑޯޒެއްގެ ވެކްސިން ދިނުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ބުނިތާ އިރުކޮޅެއް ފަހުންނެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ސަރުކާރުން މާހިރުންނާ އެކު ވާހަކަ ދައްކަމުން އަންނަ ކަމަށާއި ނަމަވެސް ސަރުކާރުން ފުރަތަމަ މަސައްކަތް ކުރާނީ ޤައުމުގެ އެންމެނަށް ވެކްސިން ޖެހުމަށް ކަމަށެވެ. ތިން ވަނަ ޑޯޒެއް ޖަހަން ޖެހޭ ނަމަ ޖަހާނީ އާބާދީގެ ބޮޑު ބަޔަކަށް ދެވަނަ ޑޯޒް ޖެހުމަށް ފަހުގައި ކަމަށް ވެސް ސަރުކާރުން ހާމަކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!