ވިހެއުމަށް ފަހު ކޯމާއެއްގައި އޮތް މަންމައެއް ދަރިފުޅާ ބައްދަލުވީ 4 މަސް ފަހުން!

އެމެރިކާގެ 32 އަހަރުގެ އަންހެނެއް، ވިހެއުމަށް ފަހު ކޮވިޑް-19 އަށް ފައްސިވެ އަދި ކޯމާއެއްގައި އޮންނަތާ 4 މަސް ފަހުން ދަރިފުޅާ ބައްދަލު ވެއްޖެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި އަންހެން މީހާ ވަނީ ސިޒޭރިއަން ހަދައިގެން ވިހާފައެވެ. އަދި ވިހޭއިރު ވެސް އަންހެން މީހާ ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. އެހެންނަމަވެސް މިހާރު މި އަންހެން މީހާ ހުރިހާ ބައްޔަކުން ޝިފާ ލިބި ދަރިފުޅު އުރާލުމުގެ ފުރުސަތު ވަނީ ލިބިގެން ގޮސްފައެވެ.
75 ދުވަހަށް ފަހު އަމިއްލަ ދަރިފުޅު ދެކިލާ އުރާލުމުގެ ނަސީބު އޭނާއަށް ލިބުނީތީ އޭނާ ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. އަދި ދަރިފުޅު ލިބުނު ވަގުތު ލޮލުން މައިވަންތަ ކަމުގެ ކަރުނަތައް ފައިބައިގެން ދިޔަ ކަމުގައި ވެސް ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ.
މިކަމާ ގުޅިގެން ހޮސްޕިޓަލުގެ ޑޮކްޓަރު ބުނީ، ކޮވިޑް-19 އަށް ފައްސިވެފައިވާ ބަނޑުބޮޑު އަންހެނެއް އެހާލަތުގައި ދަރިފުޅު ވިހެއުމަކީ އެހޮސްޕިޓަލުގައި ވަރަށް މަދުން ނޫނީ ނުވާ ކަމެއް ކަމުގައެވެ.