އިންޑިއާއިން ޒިކާ ވައިރަސް ފެނި ކެރަލާ ކުއްލި ނުރައްކަލުގެ ހާލަތުގައި
އަވައްޓެރި އިންޑިއާގެ ކެރަލާ އިން ޒިކާ ވައިރަސްގެ ވޭދަނައެއް ފެނުމުން، ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތަށް ގޮސްފިއެވެ.
ބޭރުގެ ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިއީ ކެރަލާއިން މި ވައިރަސް ފެނުނު ފުރަތަމަ ފަހަރެވެ.
ކެރަލާގެ ހެލްތު މިނިސްޓަރު ވީނާ ޖޯޖް ބުނެފައި ވަނީ އެ އަވަށުން ޒިކާ ވައިރަސްގެ އެންމެ ވޭދަނައެއް އަދި މިހާތަނަށް ފެނިފައިވީ ނަމަވެސް، ޝައްކު ކުރެވޭ އިތުރު 13 ވޭދަނައެއް އެބަ އުޅޭ ކަމަށެވެ.
އިއްޔެ ބޭއްވި ނޫސް ކޮންފަރެންސެއްގައި ވީނާ ބުނީ، ކެރަލާއިން އެންމެ ފުރަތަމަ ޒިކާ ވައިރަސް ފެނިފައި ވަނީ ޓަމިލް ނާޑޫއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މާބަނޑު އަންހެނެއްގެ ގައިން ކަމަށެވެ. މިދިޔަ މަހުގެ 28 ވަނަ ދުވަހު، ޓްރިވެންޑްރަމްގެ ހޮސްޕިޓަލެއްގައި އެ އަންހެން މީހާ އެޑްމިޓު ކުރީ ގައިގާ ފިއްގަނޑުތަކެއް ނަގައި، ހުން އައިސް ބޮލުގައި ރިއްސުމުން ކަމަށާއި އޭނާގެ ބަނޑުގައި އޮތް ދަރިފުޅު ވެސް މިހާރު ވަނީ ނަގައިފައި ކަމަށް ވީނާ އިތުރަށް ބުނެފައިވެއެވެ.
މީގެ އިތުރުން ވީނާ ބުނީ، ޒިކާ ވައިރަސް ހުރި ކަމަށް ޝައްކު ކުރެވޭ އިތުރު 13 ވޭދަނައިގެ ސުންކުތައް އިތުރަށް ތަހުލީލު ކުރުމަ ށްޓަކައި ޕޫނޭގައި ހުންނަ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ވައިރޮލޮޖީއަށް މިހާރު ފޮނުވައިފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ޝައްކު ކުރެވޭ ވޭދަނަތައް ދިރިއުޅޭ ސަރަޙައްދުތައް ފާހަގަކޮށް، އެ ސަރަޙައްދުތަކުން އިތުރު ވޭދަނަތައް ފެނޭތޯ ވެސް ޓީމަކުން ބަލަމުން އަންނަ ކަމަށް ވެސް ވީނާ ބުންޏެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ޒިކާ ވައިރަސް އެންމެ ފުރަތަމަ ފެނިފައި ވަނީ 1947 ވަނަ އަހަރު ޔުގާންޑާއިންނެވެ. އާންމުގޮތެއްގައި މަދިރިން ޖެހޭ މި ބަލި، ޖިންސީ ގުޅުމުން ވެސް އެކަކު އަނެކަކު ގަޔަށް ވާރުތަ ކުރާ ކަމަށް ބައެއް ރިޕޯޓުތަކުން ބުނެއެވެ. ޒިކާ ވައިރަސް ޖެހޭ މީހުން އެންމެ ފުރަތަމަ ކުޑަކޮށް ހުން އަންނާނެ ކަމަށް ސިއްހީ މާހިރުން ބުނެފައިވެއެވެ.
ހަށިގަނޑުގެ މަސްތަކުގެ ބާރު ކަނޑުވައިލާ މި ވައިރަސް ޖެހުމުގެ ނުރައްކާ އެންމެ ބޮޑީ މާބަނޑު މީހުންނަށް ކަމަށް ރިޕޯޓުތަކުން ބުނެއެވެ. މާބަނޑު މީހުންނަށް މި ބަލި ޖެހިއްޖެނަމަ، ބަނޑުގައިވާ ދަރިފުޅަށް ވެސް އޭގެ އަސަރުކޮށް، ސިކުނޑިއަށާއި ކުއްޖާގެ ހެދިބޮޑުވުމުގައި އައިބުކަމެއް އުފެދޭނެ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ދުނިޔޭގަ އުޅެވޭކަށް ނެތެއްނު