ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް: ސަނީފް
ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ޖެހޭ އެއްވެސް ސަބަބެއް މިވަގުތު ނެތް ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސަނީފް (ސަންނަ) ވިދާޅުވެއްޖެއެވެ.
ސަނީފް މިފަދައިން ވިދާޅުވެފައި ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށާއި ބޮޑުވަޒީރު ކަމަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.
މެންބަރު ސަނީފް ވިދާޅުވީ ނިޒާމު ބަދަލުކުރުމުގެ ކުރިން ރަނގަޅު ކުރަން ޖެހޭ އަދި ގައުމާއި ރައްޔިތުންނަށް ޓަަކައި ކުރަންޖެހޭ އެއަށް ވުރެ މާގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އަދި މިއީ ނިޒާމު ބަދަލު ކުރަން ޖެހޭ ވަގުތެއް ނޫން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ސަނީފް ވިދާޅުވީ ނިޒާމު ބަދަލު ކުރުމުގެ ބަދަލުގައި ގާނޫނުތައް އިސްލާހުކޮށް ހަރުދަނާ ކުރުން މާ ރަނގަޅު ކަމަށާއި ގައުމުގެ ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުން ރައްޔިތުންނާއި ގައުމަށް ވަފާތެރިވެ އިހުލާސްތެރިވެއްޖެ ނަމަ ނިޒާމު ރަނގަޅުވީކަމަށެވެ.
"އާސްކް ސްޕީކާ" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެންނަން އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވެސް ބޭނުންފުޅުވެ ވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރައްވާނީ އިދިކޮޅު ޕީޕީއެމްއާ އެކުގައި ކަމަށެވެ. ނަމަވެސް ޕީޕީއެމްއިން ވަނީ އެ ވާހަކަތައް ދޮގު ކުރައްވައި، އެކަމަށް ތާއީދު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.