ޚަބަރު

ދަތުރު ގޮސް އުޅުނު ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ލިބި އައިސީޔޫގައި!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ދުވަސް އޮންލައިން

ގދ.ގައްދޫން ދަތުރު ގޮސް އުޅުނު ޒުވާނަކަށް އަނިޔާތަކެއް ލިބި ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

Ads by STELCO

މައުލޫމާތު ލިބޭ ގޮތުގައި މި މީހާއަށް މިހާރު ފަރުވާ ދެމުން ގެންދަނީ ތިނަދޫގެ ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

މިކަމާ ގުޅިގެން ގައްދޫ ކައުންސިލް މެންބަރު އާމިރު އަބްދުالله “ދެން”އާ ވާހަކަ ދައްކަމުން ބުނީ، އެއީ ގައްދޫ ކުރިމަތީގައި އޮންނަ ރިސޯޓަކަށް ތަރައްގީ ކުރަމުން އަންނަ ރަށެއް ކަމުގައި ވާ “ދޮނަދޫ ހުއްޓާ” ކިޔާ ރަށަކަށް ދަތުރު ގޮސް އުޅުނު ބައެއް ކަމަށާއި، ޒަޚަމު ވެފައިވަނީ އުމުރުން ގާތްގަނޑަކަށް 17 އަހަރުގެ ކުޑަކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ޒަހަމްވީ އިމާރާތް ކުރަމުން އަންނަ ގެއެއްގެ ބިތެއް ވެއްޓިގެންނެވެ. އެގޮތުން ކުއްޖާގެ ފައިގެ ކުޑަ ހުޅަށް ބޮޑެތި އަނިޔާތަކެއް ލިބުމުގެ އިތުރުން، އަތާއި ބުރަކަށްޓާއި، ފައިގެ އެކި ތަންތަން ބިންދައިގެން ގޮސްފައިވާކަމަށް ލަފާ ކުރެވޭ ކަމަށާއި، ބޯ ވެސް ފަޅައިގެން ގޮސްފައިވާ ކަމުގައި އާމިރު ފާހަގަ ކުރިއެވެ.

މީގެ އިތުރުން މިހާރު އެ ކުއްޖާއަށް ޑރ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ގެންދާއިރު، އެކުއްޖާ އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމަށް މައުލޫމާތު ލިބޭ ކަމުގައި ވެސް އާމިރު ބުންޏެވެ. އަދި 9 މީހުންގެ ލޭ އެޅުމަށް ފަހުގައި ވެސް ކުއްޖާގެ ހާލަތަށް ކުރިއެރުމެއް އައިސްފައި ނުވާ ކަމުގައި ވެސް އާމިރު ފާހަގަ ކުރިއެވެ.

މި ހާދިސާގައި ޒަޚަމްވި ކުއްޖާއާއެކު އެ އުމުރު ފުރައިގެ އިތުރު ކުދިންތަކެއް އެ ރަށަށް ގޮސްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!