ޚަބަރު

ރައްޔިތުން އަތް ޖަހާނީ މީހާއަކަށް ނޫން، މެނިފެސްޓޯއަށް: ޑރ.މައުސޫމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ކުރިމަތިވަމުން އަންނަނީ ރިޔާސީ އިިންތިހާބުކަމަށާއި ޑިމޮކުރަސީ ދޮންވެ ފައްކާވީމާ ރިޔާސީ އީދުގައި ރައްޔިތުން ބަލާނީ އިންތިހާބަށް ކުރިމަތިލި މީހާއަށް ނޫން ކަމަށާއި އެމީހަކު ގެންނަ މެނިފެސްޓޯއަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ވަރަށްބޮޑަށް ތާއިދު ކުރައްވާ ކުރެއްވި ޓްވީޓެއްގައި ޑރ. މައުސޫމް ވިދާޅުވީ ރައީސް ޞާލިހްގެ ފޯކަސް ހުރީ އެ މަނިކުފާނުގެ މެނިފެސްޓޯގެ ވައުދުތައް ފުއްދަންކަމަށްވުމުން އެމަނިކުފާނަކީ ޑިމޮކުރަސީ ރަނގަޅަށް ފަހުމުވެލައްވާ، ޑިމޮކުރަސީއާ ރައްޓެހި ލީޑަރެއްކަން އެނގޭ ކަމަށެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށާއި ކެނޑިޑޭޓުން ބައިބަހާ ތިލަވާން ފަށައިފިކަމަށް ވެސް ޑރ. މައުސޫމް ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބު ބާއްވަން 2 އަހަރާ 2 މަސް ރިޔާސީ ކެންޑިޑޭޓުން މިހާ އަވަހަށް، ބައިބަހާ، ބޯކޮށް ތިލަވާން ފެށުމަކީ 2023ގެ ރިޔާސީއީދުގެ ފޯރީގެ ކޮޅުމަތި. ޑިމޮކުރަސީ ދޮންވެ ފައްކާވީމާ ރިޔާސީއީދުގަ ރައްޔިތުން އަތް ޖަހާނީ މީހާއަކަށް ނޫން، މެނިފެސްޓޯއަށް." ޑރ. މައުސޫމްގެ ޓްވީޓްގައި ވިދާޅުވިއެވެ. 

ޑރ. މައުސޫމް މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް މުހައްމަދު ނާޒިމް އައު ޕާޓީއެއް އުފައްދަވަން އުޅޭ ދަނޑިވަޅެއްގައެވެ. އަދި އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި ނާޒިމް ޕާޓީއެއް އުފައްދަވަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައީސްކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން އެމްޑީޕީގެ ޓިކެޓް ލިބޭނެކަމުގެ ޔަގީންކަން ނެތުމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!