ޚަބަރު

އޮޑިޓަރ ޖެނެރަލްގެ މަގާމަށް ނިޔާޒީ ‏އައްޔަން ކުރައްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އޮޑިޓަރ ޖެނެރަލްގެ ‌‏މަޤާމަށް ގަލޮޅު އައިފަ، ޙުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، ‌‏އެ މަނިކުފާނަށް މަޤާމުގެ ‌‏ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވައިފިއެވެ. ‏

Ads by MWSC

‌‌‌‏ޙުސައިން ނިޔާޒީއަށް އޮޑިޓަރ ޖެނެރަލްކަމުގެ ފަތްކޮޅު ޙަވާލު ކުރެއްވުމުގެ ‌‏ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ‏ފަތްކޮޅު ދެއްވުމުގެ ކުރިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު މަޙާޒު ޢަލީ ޒާހިރުގެ ކުރިފުޅުމަތީގައި، އޮޑިޓަރ ޖެނެރަލް ކަމުގެ ހުވާ، ‌‌‏ޙުސައިން ނިޔާޒީ ‏ކުރައްވައި، ‌‌‏ހުވައިގެ އިޤްރާރުގައި ސޮއި ކުރެއްވިއެވެ. ‏

ޙުސައިން ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސްއިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި، މީގެކުރިން ޙުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވައިފައެވެ.

ޙުސައިން ނިޔާޒީއަކީ އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަޤާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. ނިޔާޒީ ފުރުއްވި މަޤާމުތަކުގެ ތެރޭގައި އެސިސްޓަންޓް އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، އޮޑިޓް މެނޭޖަރކަމުގެ މަޤާމާއި، އެސިސްޓަންޓް އޮޑިޓަރ ކަމުގެ މަޤާމު ވެސް ހިމެނެއެވެ.

މީގެ އިތުރުން ނިޔާޒީއަކީ އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ ކައުންސިލް މެންބަރެކެވެ. އަދި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް ދި މޯލްޑިވެސްގެ އެޑްމިޝަން އެންޑް ލައިސަންސިންގ ކޮމިޓީގެ ޗެއަރޕަރސަން ވެސް މެއެވެ. މީގެ އިތުރުން ވެސް ނިޔާޒީއަކީ މި ދާއިރާއާ ގުޅޭ ތަފާތު އެކި މަޤާމުތައް ފުރުއްވައި ތަޖުރިބާ ހޯއްދަވައިފައިވާ ބޭފުޅެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!