ވެކްސިން ޖެހޭ އާބާދީގެ 50 އިންސައްތަ މީހުން ދެވަނަ ޑޯޒް ޖަހައިފި

ކޮވިޑް-19އިން ދިފާޢުވުމަށް ވެކްސިން ޖެހޭ، އާބާދީގެ 50 އިންސައްތަ މީހުން ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ވިދާޅުވެއްޖެއެވެ.
މިއަދު އެޗްއީއޯސީގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީޤު ވިދާޅުވީ މިހާރު މުޅި ރާއްޖެެއިން ދެވަނަ ޑޯޒް ފުރިހަމަ ކުރި މީހުންގެ އަދަދު 50 އިންސައްތައަށްވުރެ މައްޗަށް އަރައިފައިވާ ކަމަށެވެ.
އިއްޔެ ކޮވިޝީލްޑްގެ ދެވަނަ ޑޯޒް މާލެ ސަރަހައްދުގައި ޖެހީ 3343 މީހުންނެވެ. އަދި އަތޮޅުތަކުން 2482 މީހަކާއި، ރިސޯޓްތަކުން 541 މީހަކު ދެވަނަ ޑޯޒް ޖަހައިފައި ވެއެވެ. ހަމައެހެންމެ ސިނޮފޯމް ވެކްސިންގެ ފުރަތަމަ ޑޯޒް 622 މީހުންނަށް އިއްޔެ ދިންއިރު، 284 މީހަކަށް އެ ވެކްސިންގެ ދެވަނަ ޑޯޒް ވެސް އިއްޔެ ވަނީ ދީފައެވެ.