ދުނިޔެ

އިންޑިއާއިން 17 ޤައުމަކަށް 5 މިލިޔަނަށްވުރެ ގިނަ ވެކްސިން ޑޯޒް ހަދިޔާކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަވައްޓެރި އިންޑިއާއިން 17 ޤައުމަކަށް 5،6 މިލިޔަން ވެކްސިން ޑޯޒް ހިލޭ އެހީގެ ގޮތުގައި ހަދިޔާކޮށްފިއެވެ.

Ads by WAMCO

އިންޑިއާގެ އެކްޓާނަލް އެފެއާރސް މިނިސްޓްރީން ބުނެފައިވަނީ 17 ޤައުމަކަށް ހިލޭ އެހީގެ ގޮތުގައި 5.6 މިލިޔަން ވެކްސިން ޑޯޒް ފޯރުކޮށްދީފައި ވާއިރު، 10 މިލިޔަން ވެކްސިން ވިއްކާފައިވާ ކަމަށެވެ.

ހިލޭ އެހީގެ ގޮތުގައި ވެކްސިން ފޯރުކޮށްދީފައިވާ ޤައުމުތަކަކީ، ބޫޓާން، ދިވެހި ރާއްޖެ، ނޭޕާލް، މިޔަންމާ، ސީޝެލްސް، ސްރީލަންކާ، އެކުވެރި އަރަބި އިމާރާތް، ބްރެޒިލް، މޮރޮކޯ، ބަޙްރައިން، އޮމާން، މިޞްރު، އަލްޖީރިޔާ، ކުވައިތު، ސައުތް އެފްރިކާ އަދި މަރިޝިސް ކަމަށެވެ.

އިންޑިއާއިން ބުނެފައި ވަނީ ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާއިން އަފްގާނިސްތާން، މޮންގޯލިއާ އަދި އިތުރު 4 ޤައުމަކަށް ވެކްސިން ފޯރުކޮށްދެން ނިންމާފައިވާ ކަމަށެވެ. އަދި ސައުދީ އަރަބިއްޔާ އަށާއި ކެނެޑާއަށް ވެކްސިން ފޯރު ކޮށްދޭން އިންޑިއާއިން ވަނީ ނިންމާފައެވެ.

އިންޑިއާއިން ޤައުމުތަކަށް ފޯރުކޮށްދެނީ، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓްއިން އޮކްފޯޑްގެ ފޯމިއުލާއަކަށް ހަދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ. މިވެކްސިނުގެ 1 ލައްކަ ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާ ކޮށްފައެވެ.

އިންޑިއާއިން ބުނެފައިވަނީ އެޤައުމުން މަސައްކަތް ކުރަނީ އަވައްޓެރި ޤައުމުތަކަށް ވީހާވެސް އަވަހަށް ވެކްސިން ފޯރުކޮށްދެވޭތޯ ކަމަށެވެ. އަދި އިންޑިއާއަށް ވެކްސިން ބޭނުންވާ މިންވަރަށް ރިއާޔަތްކޮށް، ވެކްސިން އިތުރު ޤައުމުތަކަށް ދިނުމަށް ނިންމާފައިވާ ކަމަށްވެސް އެކްސްޓާނަލް މިނިސްޓްރީން ހާމަކުރެއެވެ.

އިންޑިއާގައި މިދިޔަ މަހު 16 ވަނަ ދުވަހު ވެކްސިން ޖަހަން ފަށާފައިވާއިރު، އިއްޔެއާ ހަމައަށް އެޤައުމުގައި 4 މިލިޔަނަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ވެކްސިން ވަނީ ދީފައެވެ. އިންޑިއާގައި ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން އަންނައިރު، އިންޑިއާ ވެގެންގޮސްފައި ވަނީ ދެވަނައަށް މުޅި ދުނިޔޭގައިވެސް ކޮވިޑް-19 އެންމެ ގިނަ މީހުންނަށް ޖެހުނު ޤައުމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!