ޚަބަރު

ޚާރިޖީ ދާއިރާއިން މަތީ މަޤާމާއި، ޝަރަފް ލިބެމުންދަނީ ފަތުހުﷲގެ ސިޔާސަތުގައި ދެމިތިބުމުން: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޚާރިޖީ ދާއިރާއިން މަތީ މަޤާމާއި، ޝަރަފް ލިބެމުންދަނީ ފަތުހުﷲގެ ސިޔާސަތުގައި ދެމިތިބުމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސް ޞާލިޙް މިފަދައިން ވިދާޅުވީ ފޮރިން މިނިސްޓްރީ ހިންގާ އިމާރާތުގެ ނަން ، ކުރީގެ ފޮރިން މިނިސްޓަރ މަރުޙޫމް ފަތުޙުﷲ ޖަމީލްގެ ނަމަށް ތަހުސީސްކޮށް އެ އިމާރާތް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ދައުލަތުގެ އެންމެ މުހިންމު އެއް މިނިސްޓްރީގެ ޢިމާރާތް، އެމިނިސްޓްރީ ހިންގެވި ބޭފުޅެއްގެ ނަންފުޅަށް، ނިސްބަތްކޮށްގެން ހުޅުވޭކަމީ، ރާއްޖޭގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި، އެމަނިކުފާނު ކުރައްވައިފައިވާ ޚިދުމަތްތަކުގެ މަތިވެރިކަން ރަމްޒުކޮށްދޭނެ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވީ، މި ޢިމާރާތް، ފަތުޙުﷲ ޖަމީލްގެ ނަންފުޅަށް ޚާއްޞަކުރުމުގެ ބޭނުމަކީ ރާއްޖޭގެ ޚާރިޖީ ދާއިރާ ބިނާކުރައްވައި ތަރައްޤީކުރެއްވުމުގައި، 27 އަހަރާއި 4 މަސް ވަންދެން އެމަނިކުފާނު ކުރެއްވި، ޤައުމީ ޚިދުމަތުގެ އަގު، ދާއިމީ ގޮތެއްގައި ޤައުމީ ފެންވަރުގައި ފާހަގަކުރެވޭނެ ގޮތެއް ހެދުން ކަމަށެވެ.

މި ޢިމާރާތަކީ، ވެރިރަށް މާލޭގެ މަލަމަތިން، ދިވެހިންގެ ޤައުމީވަންތަކަމާއި ދިވެހިރާއްޖޭގެ ހައިބަތު ރަމްޒުކޮށްދިނުމުގެ މަޤްޞަދުގައި، އަލްމަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ވިސްނުންފުޅާއި ޚިޔާލުފުޅާ އެއްގޮތަށް، އެމަނިކުފާނުގެ މޭސްތިރިކަމުގެ ދަށުން ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.

ރައީސް ވަނީ ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން މިހޭދަވި 56 އަހަރުގެ ތެރޭގައި ވެސް، ރާއްޖެއިން ދަމަހައްޓަމުން އައި ޚާރިޖީ ސިޔާސަތަކީ، އިންސާނީ ޙައްޤުތައް ފުރިހަމައަށް ރައްކާތެރިކުރުމާ އެކު، މިނިވަންކަމާއި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކޮށް ދެމެހެއްޓުންކަން ފާހަގަ ކުރައްވައިފައެވެ.

ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ބިނާވެފައިވަނީ މިދެންނެވި އަސާސްތަކުގެ މަތީގައިކަމަށާއި، މަރްޙޫމް އަލްއުސްތާޛް ފަތުޙުﷲ ޖަމީލުގެ ޚާރިޖީ ވަޒީރުކަމުގައިވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ، މިދެންނެވި ސިޔާސަތުތައް ނެގެހެއްޓުމަށް ޓަކައި، ބައިނަލްއަޤްވާމީ މަސްރަޙުގައި ވަކާލާތު ކުރެއްވުމަށް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނީ، ކޮންމެ ޤައުމެއްގެ ވެސް މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށާއި، މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށާއި، އެއްވެސް ތަފާތުކުރުމެއް ނެތި، އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ރައްކާތެރި ކުރުމަށާއި، ޑިމޮކްރެސީގެ ހަމަތަކާއި ޞުލްޙަޔަށް އިސްކަން ދިނުމުގެ ސިޔާސަތު ދެމެހެއްޓުމަށެވެ.

އ.ދގެ ޢާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްގެ މަޤާމަށް، ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އިންތިޚާބުވެގެން ދިޔުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު އެންމެ ފުރިހަމަ މާނައިގައި ޙިމާޔަތްކުރެވިފައިވާ ކަމާއި، މުޅި ދުނިޔެ އެކަމަށް އިޢުތިރާފްވާކަމުގެ ހެއްކެއް ކަމުގައި ވެސް މި ހަފްލާގައި ރައީސް ވިދާޅުވިއެވެ.

Ads by Ooredoo
  1. ޤާދިރު

    މަރުޙޫމް ފަތުޙީއަކީ ދިވެހި ޤާއުމުދެކެ ލޯބިވާ ވަޠަނީ ބޭފުޅެއް ދުވަހަކު ވެސް މާތްވެގެންވާ އިސްލާމް ދީނާ ޤައުމުގެ މިނިވަންކަމަށް ގެއްލުންވާ ފަދަ އެއް ވެސް ކަމެއް ނުކުރައްވާ. އެކަމަކު މިހާރުގެ ހަރިޖީ ސިޔާސަތަކީ އިސްލާމްދީން ނިކަމެތިކޮށް ޤައުމު އަޅުވެތި ކުރުމުގެ ސިޔސަތެއް. ދެން ކޮން ފަޠުހުﷲ ގެ ސިޔާސަތެކޭ ކިޔާކަށް.