ޢީދަށް ބޮޑު ބަންދެއް، މިފަހަރު ދަނީ ކޮން ރަށަކަށް؟

މި އަހަރުގެ އަޟްހާ އީދާ ދިމާކޮށް މި ލިބޭ ބަންދަކީ އެހެން އަހަރުތަކުގައި އަޟްހާ އީދަށް ލިބޭ ބަންދަށް ވުރެ ބޮޑު ބަންދެކެވެ. އަޟްހާ އީދާއި މިނިވަން ދުވަހަށް ލިބޭ ބަންދު އެއްވުމުގެ ސަބަބުން 15 ވަރަކަށް ދުވަސް ބަންދުގެ ގޮތުގައި އެބަ ލިބެއެވެ.
މި ބޮޑު ބަންދާ ދިމާކޮށް ސަރުކާރުން ވަނީ ދަތުރުކުރުމުގައި ބޮޑެތި ލުއިތަކެއް ވެސް ދީފައެެވެ. އެ ލުއިތަކުގައި ވާ ގޮތުން ކޮވިޑް ޖެހި ރަނގަޅުވެފައިވާ މީހުންނަށް ދެ މަސް ނުވާނަމަ ކަރަންޓީނު ވުމަކާ ނުލައި ރަށަށް ދެވޭނެ ކަމަށެވެ. އަދި ވެކްސިންގެ ދެ ޑޯޒް ޖަހައިފައިވާ މީހުންނަށް ވެސް ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރަށްރަށަށް ދެވޭނެއެވެ.
ފާއިތުވެދިޔަ 2020ވަނަ އަހަރުގެ އަޟްހާ އީދުގައި ވެސް ގިނަ ބަޔަކު ތިބީ ރަށު ބަންދުގައެވެ. ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން މިއަހަރުގެ ފިތުރު އީދު ވެސް ފާހަގަ ކުރަން ޖެހުނީ ގޭގައި ތިބެގެންނެވެ.
ފާއިތުވެދިޔަ ޢީދުތަކުގައި ގޭ ބަންދުގައި ތިބުމަށް ފަހު މި އަހަރުގެ އަޟްހާ ޢީދަށް ބޮޑު ބަންދެއް ލިބުމުން އަދި ދަތުރުފަތުރު ކުރުމުގައި ލުއިތަކެއް ލިބުމުން އެތައް ބަޔަކު ދަނީ ރަށްރަށަށް ދަތުރު ކުރަމުންނެވެ.
މިއަހަރުގެ އަޟްހާ އީދަށް ދާން ރާވައިފައި އޮތީ ކޮން ރަށަކަށް ހެއްޔެވެ؟