އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލްއާއި ނަބާހާ

މާދަމާއިން ފެށިގެން އަންނަ އޯގަސްޓުމަހުގެ 8ވަނަ ދުވަހާ ހަމައަށް ޖަޕާނުގައި ކުރިއަށް ގެންދާ އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް އަދި ބެޑްމިންޓަން ކުޅުންތެރިޔާ ފާތިމަތު ނަބާހާކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނެފިއެވެ.
އެކޮމިޓީން މިއަދު ވަނީ މި ކަމަށް ޓަކައި ޓޯކިޔޯގެ ގޭމްސް ވިލެޖްގައި ހާއްސަ ރަސްމިއްޔާތެއް ބާއްވައި މި ދެ އެތުލީޓުންނާ ދިވެހި ދިދަ ހަވާލުކޮށްފައެވެ.
މިރަސްމިއްޔާތުގައި މި ދެ އެތުލީޓުންނާ ދިދަ ހަވާލުކޮށްދެއްވީ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރެވެ.
މި އަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު އެތްލީޓުން ވާދަކުރާނެއެވެ. އެއީ އެތްލެޓީކްސްއިން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުގެ އިތުރުން ފެތުމުން މުބާލް އައްޒާން އިބްރާހިމް އަދި އައިޝަތު ސާޖިނާއާ ބެޑްމިންޓަނުން ފާތިމަތު ނަބާހާއެވެ.