ދުނިޔެ

ސިއްރު ހިފަހައްޓަން ނޭނގޭ ކަމަށް ބުނެ ޓްރަންޕަށް އިންޓެލް މަޢުލޫމާތު ނުދޭން ނިންމަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ކުރީގެ ރައީސް ޑޮނާލްޑް ޓްރަންޕަށް ސިއްރު ހިފަހައްޓަން ނޭނގޭތީ، އެމެރިކާގެ އިންޓެލިޖެންސްއިން އެއްކުރާ މަޢުލޫމާތު ޓްރަންޕަށް ނުހޯދޭ ގޮތަށް، ސިއްރު ކުރަން އެމެރިކާގެ އައު ސަރުކާރުން ނިންމައިފިއެވެ.

Ads by Sosun Fihaara

ސީބީއެސް ނިއުސްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ ސިއްރު ހިފެހެއްޓުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށާއި މިވަގުތު ހާލަތަށް ބަލާއިރު، ޓްރަންޕަށް އެކަން ކުރަން އެނގޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމެރިކާގެ އިންޓެލިޖެންސްއިން ހޯދާ މަޢުލޫމާތަކީ އެތައް ބައެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ބިރެއް ނެތި ނިކުމެ ހޯދާ މަޢުލޫމާތު ކަމަށާއި "ނޭނގުމެއްގެ ތެރޭގައި" ޓްރަންޕަށް ބުނެވޭ އެއްޗަކުން އެމެރިކާގެ އޮފިސަރުންގެ މަސައްކަތް ވެއްޔާ މޮޑެވެން ސަރުކާރުން ދޫކޮށް ނުލާނެ ކަމަށެވެ.

"ޓްރަންޕަަށް އެފަދަ މަޢުލޫމާތު އެނގިގެން ކުރެވޭނެ ކަމެއް ނޯންނާނެ. ފަހަރެއްގައި ނޭނގި އެމަޢުލޫމާތު ބޭނުން ކުރަން ނުޖެހޭ ހާލަތެއްގައި ބޭނުން ކުރުން ފިޔަވާ" ރައީސް ޖޯ ބައިޑަން ވިދާޅުވިއެވެ.

އާއްމު ހާލަތުގައި އެމެރިކާގެ ވެރިކަން ކުރައްވާފައިވާ ފަރާތްތަކަށް އިންޓެލިޖެންސްއިން އެއްކުރާ މަޢުލޫމާތު ހޯދާ، އިންޓެލިޖެންސް ބްރީފިންގ ތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ. ނަމަވެސް ޓްރަންޕަށް އެފުރުސަތު ނުދޭން ނިންމާފައިވާ ކަމަށް ޖޯ ބައިޑަން ވިދާޅުވިއެވެ.

ޓްރަންޕް ވަނީ އެމެރިކާގެ އިންޓެލިޖެންސްގެ މަޢުލޫމާތު ވެރިކަމުގައި ހުންނެވިއިރު، "ލީކް" ކޮށްލާފައެވެ. މިގޮތުން 2017 ވަނަ އަހަރު އައިސިސް އާ ގުޅުވައިގެން ދެއްކެވި ވާހަކަފުޅުގެ ސަބަބުން އެމެރިކާގެ ޖާސޫސްގައި މަސައްކަތް ކުރާ އެތައް ފަރާތެއްގެ ވަނަވަރު ހާމަވެ، އެމެރިކާއިން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންތަކެއް ވަނީ ހުއްޓާލަން ޖެހިފައެވެ. އަދި މިފަހުން، ވެރިކަމަށް ކެންޕެއިން ކުރައްވަމުން، އެމެރިކާގެ އިންޓެލިޖެންސަށް ލިބޭ މަޢުލޫމާތު ޕޯޑިއަމްތަކުގައި ހާމަކޮށް ޓްރަންޕް ގެންދިޔައީ އިދިކޮޅުގައި ތިއްބެވި ފަރާތްތައް ބޭޒާރު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!