މޫސުން ގޯސްވެ ބައެއް އަތޮޅުތަކަށް ހުދު ސަމާލު

ބޯކޮށް ވާރޭވެހި މޫސުން ގޯސްވުމުގެ ސަބަބުން މެދު ރާއްޖޭތެރޭގެ ބައެއް ސަރަހައްދުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރެވެހި ވައިބާރު ވުމުގެ ސަބަބުން ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ހުދު ސަމާލު ނެރެފައި ވަނީ މިއަދު ހެނދުނު 8:30އިން ފެށިގެން 12:00އަށް ކަމަށެވެ.
ހުދު ސަމާލުގެ މިވަގުތުތަކުގައި ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހި ވަައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވަައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މިއަދު ރާއްޖޭގެ މޫސުން ލަފާކުރާ ގޮތަށް ބަލާލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެކަމަށާއި ބައެއް ރަށްރަށަށް ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ވައި ޖެހޭނެ ގޮތަށް ބަލާލާއިރު އުތުރުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭއިރު އެހެން ހިސާބުތަކުގައި ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާއިރު އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ އުތުރުގެ ސަރަހައްދުތަކުގައި ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކުރެއެވެ.