ކުއްލި ނުރައްކާ އިއުލާން ކުރަން ޖެހޭ ސަބަބުތައް ރައީސް ނަޝީދު އޮޅުން ފިލުވައި ދެއްވައިފި
ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވައިލާ އެމްޑީޕީގެ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅުނު ގަރާރު ރައީސް ނަޝީދު ހުށަހެޅުއްވި ސަބަބުތައް ރައްޔިތުންގެ އެ މަނިކުފާނު މިރޭ އޮޅުން ފިލުވައިދެއްވައިފިއެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ 180 ވަނަ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި ޤަރާރު ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލައާ ބެހޭ ގޮތުން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށެވެ. އަދި މިކަން ކުރަން ޖެހެނީ ފުލުހުންނަށް ޓެރަރިޒަމް ހުއްޓުވުމަށް އެކަށީގެންވާ ބާރު ދިނުމުގެ ގޮތުން ކަމަށާއި ފުލުހުންނަށް ބާރުތައް ދެވިއްޖެ ނަމަ ފުލުހުންގެ މަސައްކަތްތައް ހަރުދަނާ ވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިކަންކަމުގައި އުޅޭ މީހުންތައް ފާހަގަވާނެ. އެހެން ނަމަވެސް މިވަގުތު އެކިއެކި ސަބަބުތަކާ ހުރެ އެމީހުން ހައްޔަރު ނުވެ އެ ތިބެނީ. އަޅުގަނޑަށް ފެންނަ ފެނުމުގައި ފުލުހުންނަށް މިޖާގަ ލިބުމުން މީހުން ހައްޔަރު ވެސް ކުރެވޭނެ އަދި ފުލުހުންނަށް މިކަމުގައި މާ ހަރުދަނާ މަސައްކަތެއް ވެސް ކުރެވޭނެ." ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވީ ޤާނޫން އަސާސީއިން ޑިމޮކްރަޓިކް ޤައުމެއްގައި ކުއްލި ހާލަތު އިއުލާން ކުރުމުގެ ފުރުސަތު ދީފައި އޮންނަނީ މިބާވަތުގެ ކަންކަމަށް ކަމަށް އެކަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.
"ޤާނޫނުތަކަށް އާއްމު ހާލަތުގައި ފަސޭހައިން މީހުން ހައްޔަރު ބޭއްވުން އެއީ ރަނގަޅު ގޮތެއްކަމުގައި އަޅުގަނޑު ނުދެކެން. މިއަކީ ފަސޭހައިން ކުރެވެން ޖެހޭނެ ކަމެއް ނޫން. ހަމައެކަނި އުނދަގޫ ހާލަތެއްގައި ނުވަތަ ބޮޑު ކަމެއް މެދުވެރި ވެގެން ކުއްލި ނުރައްކާ އިއުލާން ކުރަން ޖެހޭނީ. އަދި ކުއްލި ނުރައްކަލުގެ ދުވަސްތަކުގެ ތެރޭގައި ފުލުހުން ބޭނުންވާކަންކަން ފުލުުހުންނަށް ކުރެވޭނެ ގޮތް އަޅުގަނޑުމެން ހަމަޖައްސަން ޖެހޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.
ޓެރެރިޒަމް ހުއްޓުވުމުގެ މުހިންމު ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެއަކީ ޓޫރިޒަމްއަށް ބަރޯސާވެފައިވާ ޤައުމަކަށް ވީހިނދު ޓެރެރިޒަމްއަށް ޖާގަ ދެވިގެން ނުވާ ކަމަށެވެ. ނޫން ނަމަ އިޤްތިޞާދު ފުނޑިދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ފުލުހުންނަށް ރާއްޖޭގައި ޓެރެރިޒަމް ހުއްޓުވޭނެ ކަމަށާއި މާޒީގައި ވެދިޔަ ކަންތައްތައް ބަހައްޓައިފައި އެންމެ މުހިންމީ ކުރިޔަށް އޮތްތާންގައި މިބާވަތުގެ ކަންކަން ކުރިޔަށް ނުދާނެ ފަދަ އިންތިޒާމެއް ހަމަ ޖެއްސުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގައި ޓެރެރިޒަމް ނުހުއްޓުވިއްޖެ ނަމަ ރާއްޖެ ސަލާމަތް ނުކުރެވޭނެ ހިސާބަށް ގޮސްފާނެ ކަމަށެވެ.
"އެކަންކަމާ މިއަދު އަޅާ ނުލެވިއްޖެ ނަމަ ދެން ދިވެހިރާއްޖެ ހުއްޓޭނީ ވަރަށް ނުރައްކާ ހިސާބަކަށް އަދި އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތް ނުކުރެވޭ ހިސާބަށް ދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެކަށީގެންވާ ކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ގާނޫނު އަސާސީ ބުނާގޮތުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވޭނީ ރައީސުލްޖުމްހޫރިއްޔާއަށް އެކަންޏެވެ.