މި ހިސާބަށް ކަންކަން ދިޔައިރު މުއައްސަސާތަކަށް ނޭނގުމަކީ ކަންބޮޑުވާ ކަމެއް: ހަލީމް

ޓެރަރިޒަމާ ދެކޮޅަށް ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ގޮވައިލައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ހުށަހެޅުއްވި ގަރާރަށް ތާއީދު ކުރައްވާ ކަމަށް ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގައި ރައީސް ނަޝީދު މިރޭ ވިދާޅުވީ އެމަނިކުފާނު އަވަހާރަ ކޮށްލުމަށް ރާވައިގެން މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ނިރުބަވެރި ހަމަލައާ ބެހޭ ގޮތުން ފުލުހުން ރޭ އާންމުކުރި މައުލޫމާތުތަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަންޖެހޭ ކަމަށެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ކުއްލި ޖަލްސާއެއް ބާއްވަން ވެސް ރައީސް ނަޝީދު އެދިވަޑައިގެންފައިވެއެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅަށް ތާއީދު ކުރައްވައި އެ ޖަލްސާގައި ހަލީމް މިރޭ ވިދާޅުވީ ރައީސް ނަޝީދު އަވަހާރަ ކޮށްލުމަށް ހަމަލާ ދިން ފަރާތްތަކުން ކުރިން ވެސް މަސައްކަތް ކޮށްފައިވާކަން ރޭގައި ހާމަވެ، އެންމެ ފަހުން ކެނެރީގޭ ހިސާބުގަނޑުން "އެ އެއްޗެއް ގޮއްވައިލީ" ކަމަށެވެ.
"އެހެންވީމަ މިހާ ހިސާބަށް ދިޔަ އިރުވެސް އަޅުގަނޑުމެންގެ ފުލުހުންނަށާއި ސިފައިންނަށާއި، އަޅުގަނޑުމެންގެ ތެރޭގައި މިކަމާ ހަވާލުވެގެން ތިބި މުއައްސަސާތަކަށް (އެހިސާބަށް އެމީހުން އެކަން ގެންދެވި އިރުގައި) އެކަންކަން ނޭނގި ދިޔުން އެއީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް. އަޅުގަނޑުމެން ބަޔަކާ ދިމާލަށް އިނގިލި ދިއްކުރާކަށް ނެތިން." ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ ވެފައިމިވާ ކަންތަކާ ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އެހެންކަމުން މިއީ މުހިންމު ގަރާރެއް ކަމަށެވެ. އަދި އެމްޑީޕީން އެކުގައި ފުލުހުންނަށް އެ ފުރުސަތު ފަހި ކޮށްދޭން ޖެހޭ ކަމަށާއި ފުލުހުން އެކަން ކުރޭތޯ ފާރަވެރިވާން ޖެހޭ ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.