ދީން

ކޮންމެ ދުވަހަކު ޤުރްއާން ކިޔެވުމުގެ މުހިންމުކަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮންމެ ދުވަހަކުމެ ތިމާ ދިރިއުޅޭ ގޭގައި އަދި މިސްކިތުގައި ވެސް ، ކީރިތި ޤުރްއާން ކިޔެވުމަކީ ނުހަނު ގިނަގުނަ ފައިދާއާއި ދަރުމަ ލިބޭ ކަމެކެވެ.

Ads by STELCO

އެއްޒަމާނެއްގައި ކޮންމެ ދުވަހަކަށް އިރުއަރާ ވަގުތާއި އިރު އޮއްސޭ ވަގުތު، ހުރިހާ ގެއަކުން ވެސް އިވޭ އެއް އަޑަކީ ކީރިތި ޤުރްއާން ކިޔަވާ އަޑެވެ. މިއީ ކުދިބޮޑު އެންމެންގެ ކިބައިގާވެސް އަށަގެންފައިވި ރީތި އާދައެކެވެ. ނަމަވެސް ހިތާމައަކީ، މިރީތި އާދަ މިހާރު ގިނަ ބައެއްގެ ކިބައިގައި އަށަގެންފައި ނެތުމެވެ.

ކީރިތި ޤުރްއާން ކިޔެވުމަކީ ނުހަނު ބަރަކާތްތެރި އަދި މުހިންމު ކަމެކެވެ. އެގޮތުން ކީރިތި ޤުުރްއާން ކިޔެވުމުން ވަގުތުން ވަގުތަށް ލިބޭ ތިން ފައިދާއެއް ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރައްވާފައިވެއެވެ.

▪︎ ކުފްރު ވުމުން ރައްކާތެރި ކޮށްދޭ

މަ'ޢާރިފުލް ޤުރްޢާން ގެ ވޮލިއުމް ނަންބަރު ފަހެއްގެ ޞޮފްހާ ނަންބަރު 220 ގައި ޙަޟްރަތު މުފްތީ މުޙައްމަދު ޝާފީ ސާހިބް ވިދާޅުވެފައިވެއެވެ.
"އެގެއްގައި ދިރިރުޅޭ މެންބަރުން އެކުއެކީގައި ކީރިތި ޤުރްއާން ކިޔަވާނަމަ، ޝިރުކު ކުރުމާއި ކުފްރު ވުމުން އެބަޔަކު ސަލާމަތް ވެގެންވެއެވެ."

▪︎ ފިޠުނަވެރިކަމުން ރައްކާތެރި ކޮށްދޭ

އިބްނު އައްބާސް ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައި ވެއެވެ.

އެކަލޭގެފާނު ޙަދީޘް ކުރެއްވެވިއެވެ.

"ފިޠުނަވެރިކަން އިންތިހާއަށް އުފެދޭނެ ކަމަށް ތިމަންކަލޭގެފާނު އަރިހު ޖިބްރީލް އަލައިޙިއްސަލާމް ދެންނެވުމުން، އެކަމުން ރައްކާތެރި ވެވޭނީ ކޮން އެއްޗަކުންތޯ ސުވާލު ކުރެއްވެވީމެވެ. އެހިނދު ޖިބްރީލުގެފާނު ވިދާޅުވިއެވެ. 'ފިތުނައިން ސަލާމަތް ކުރެވޭނީ ﷲ ސުބްޙާނަހޫ ވަޠައާލާ ގެ ފޮތަށެވެ. އެފޮތް ކިޔަވާ ވިދާޅުވާށެވެ. އަދި ގިނަގިނައިން ކިޔަވާ ވިދާޅުވުމަށް ގޮވާލައްވާށެވެ.'"

▪︎ ޖިންނާތު އާއި ޖާދުން ރައްކާތެރި ކޮށްދޭ

އަބްދުﷲ އިބްނު އައްބާސް ރިވާ ކުރެއްވި ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ރަސޫލާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ.

"މީސްތަކުންގެ ތެރެއިން، ހިތުގައި ކީރިތި ޤުރްއާންގެ މިންވަރެއްވެސް ނުވާ މީހާގެ މިސާލަކީ ހުސް ގެއެއްގެ މިސާލެވެ."

ޝައިޠާނާއަށް ވަރަށް ފަސޭހައިން ހުސް ގެތަކަށް ވަދެވޭނެއެވެ.

އަބޫ ހުރައިރާ ވިދާޅުވެފައިވެއެވެ.

"އެގެއްގައި ކީރިތި ޤުރްއާން ކިޔަވާ ނަމަ، އެގެއްގެ މާހައުލު ރަނގަޅު ވެގެންދެއެވެ. އަދި ލިބޭ ނިޢުމަތްތަކާއި ބަރަކާތްތައް ވެސް އިތުރު ވެގެންދެއެވެ. ކީރިތި ޤުރްއާން ކިޔަވަން ފެށުމުން، އުޑުން މަލާއިކަތް ބޭކަލުން އެގެއަކަށް ފައިބާ ވަޑައިގަންނަވައެވެ. އަދި ޖިންނީންނާއި ޝާއިޠާނުން ބިރުން ދުވެ ފިލާނެތެވެ. ނަމަވެސް ކީރިތި ޤުރްއާން ނުކިޔަވާ ގެއެއްގައި، މާޔޫސްކަމާއި ދަތިކަން އިންތިހާއަށް ފެތުރެއެވެ. ބަރަކާތްތައް ލިބުމުން މަޙްރޫމް ވުމުގެ އިތުރުން މަލާއިކަތް ބޭކަލުން ވެސް އެގެއަކަށް ނުވަންނާނެތެވެ. އަދި އެގެއެއްގައި ޖިންނީންނާއި ޝާއިޠާނުން ދިރިއުޅޭނެތެވެ."

މަސްދަރު: އިސްލާމިކް ނޮލެޖް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!