4 ދުވަސް ފަހުން އަނެއްކާވެސް ވިލިނގިލި މޮނިޓަރިންއަށް
4 ދުވަސް ފަހުން އަނެއްކާ ވެސް ގއ. ވިލިނގިލި މޮނިޓަރިންއަށް ލައިފިއެވެ.
ގއ ވިލިނގިލީ ކައުންސިލުން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަ ނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާވާނެ ކަމަށެވެ.
އެ ރަށް މޮނިޓަރިން ހާލަތަށް ގެނެވިފަ އިވަނީ ބަލީގެ އަލާމާތްތައް ހުރެގެން އެ ރަށު ހޮސްޕިޓަލަށް ދެއްކި މީހެއް ކޮވިޑް-19އަށް ފައްސިވުމާ ގުޅިގެންނެވެ. އެ މީހާއަކީ ގއ. ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފެއް ކަމަށް ގއ ވިލިނގިލީ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ. އެމީހާ ފައްސިވުމާ ގުޅިގެން އެމީހާއާ ގާތުން އެއްތާވި މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ވިލިނގިލީ މުޖުތަމައުގެ ތެރެއިން ބަލި ފެނުމާ އެކު އެރަށް ފުރަތަމަ މޮނިޓަރިން ހާލަތަށް ގެނެވުނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ވިލިނގިލީގައި ކޮވިޑް-19ގެ ހާލަތު ގޯސްވުމާ ގުޅިގެން އެ ރަށުގައި އިރުއޮއްސި 18:00އިން ފަތިހު 04:00އަށް ކާފިއު އިއުލާނު ކޮށްފައިވެއެވެ.