ނަޑެއްލާގެ ހާލަތު ގޯސް، ބަލިޖެހިފައި ތިބި މީހުންގެ އަދަދު 100އިން މަތީގައި
ކޮވިޑް-19ގެ ވޭދަނައެއް ފެނި މި ދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ ގދ.ނަޑެއްލާގައި މި ވަގުތު ވެސް ބަލިޖެހިފައި ތިބި މީހުންގެ ޖުމްލަ 100އަށް ވުރެ މަތިކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ނަޑެއްލާ ކައުންސިލްގެ ރައީސް މުހައްމަދު އަންޝައު ވިދާޅުވީ މި ވަގުތު ރަށުގެ އާއްމު ހާލަތު ރަނގަޅު ނަމަވެސް ކޮވިޑްގެ ފުރަތަމަ ވޭދަނަަ ފެނުނުއިރު ވެސް ރަށަށް ވަނީ ވަރަށް ބޮޑަށް ބަލި ފެތުރިފައި ކަމަށެވެ.
"އެންމެ ފުރަތަމަ އެކްޓިވް ކޭސްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ވަރަށް ގިނަ މީހުން ބައްޔަށް ފައްސި ވުމުން ދެން އެނގިއްޖެ ވަރަށް ބޮޑަށް ފެތުރިފައިކަން މިއޮތީ. އަދިވެސް ސުންކުތައް ނަގަމުން މިދަނީ. ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުތުމަށް ރައްޔިތުންނަށް އަންގައި އިޖްތިމާއީ ގައިދުރުކަން ބަހައްޓައި ގޭގެއަށް ޑެލިވަރީގެ ހިދުމަތް ދެމުން މިދަނީ" އަންޝައު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ރަށުން އެންމެ ފުރަތަމަ ފެނުނު ކޮވިޑް ވޭދަނައާ އެކު މިސްކިތްތައް ބަންދުކޮށް ޕެޓްރޯލް ޝެޑް ވެސް ބަންދުކޮށްފައިވާކަމަށެވެ.
އަންޝައު ވިދާޅުވީ ނަޑެއްލާއިން މިހާތަނަށް ޖުމްލަ 206 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު 50އަށް ވުރެ ގިނަ ގޭގެ ވަނީ ކަރަންޓީނު ކުރެވިފައިކަމަށެވެ. އަދި މި ވަގުތު ރަށުގައި އެޗްޕީއޭއިން އަންގާ ފިޔަވަޅުތައް އަޅަމުން އަންނަކަމަށެވެ. އަދި މި ވަގުތު ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އޭނާ ވަނީ ޝުކުރު އަދާ ކުރައްވައިފައެވެ.