ގޫގުލްގެ ކޯ ފައުންޑަރަށް ނިއުޒިލޭންޑްގެ ރަށްވެހިކަން: އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކުރަނީ
ގޫގުލްގެ ކޯފައުންޑަރ ލަރީ ޕޭޖްއަށް ނިއުޒިލޭންޑްގެ ރަށްވެހިކަން ދިނުމާ އެކު އެ ގައުމުގެ އިދިކޮޅު ޕާޓީތަކުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
ޕޭޖްއަަށް ރަށްވެހިކަން ދިނުމާއެކު އިދިކޮޅު ފަރާތްތަކުން ވަނީ މުއްސަނދި މީހުންނަށް ފަސޭހަކަމާ އެކު ސައުތު ޕެސިފިކް ގައުމުތަކުގެ ރަށްވެހިކަން ގަނެލެވޭ ކަމަށް ބުނެ ނުރުހުން ފާޅުކުރަން ފަށައިފައެވެ.
ނިއުޒިލޭންޑްގެ އިމިގްރޭޝަނުން ބުނީ ޕޭޖް އެންމެ ފުރަތަމަ އެ ގައުމުގެ ރަށްވެހިކަމަށް އެދިފައި ވަނީ މިދިޔަ ނޮވެމްބަރ މަހު ހާއްސަ ވިސާގެ ދަށުންނެވެ. ހާއްސަ ވިސާގެ ދަށުން ނިއުޒިލޭންޑްގެ ވިސާއަށް އެދެވެނީ މަދުވެގެން 10 މިލިއަން ނިއުޒިލޭންޑް ޑޮލަރު (7 މިލިއަން އެމެރިކާ ޑޮލަރު) ހުރެގެންނެވެ.
"ނޮވެމްބަރު މަހު އޭނާގެ ފޯމް ލިބުނު ނަމަވެސް އެފޯމް ޕްރޮސެސް ނުކޮށް އޮތީ އެވަގުތު އޭނާ ގައުމުން ބޭރުގައި ހުރުމުން އަދި ކޮވިޑް-19 ގެ ސަބަބުން އަޅައިފައިވާ ފިޔަވަޅުތަކުގައި އޭނާއަށް ނާދެވުމުގެ ސަބަބުން" ނިއުޒިލޭންޑްގެ އިމިގްރޭޝަންގެ ސްޓޭޓްމެންޓެއްގައި ބުނެފައިވެއެވެ.
އެ އެޖެންސީން ބުނެފައިވާ ގޮތުގައި ޕޭޖްއަށް އެނބުރި އެ ގައުމަށް ދެވުމުން އޭނާގެ ޕޯމް ޕްރޮސެސްކޮށް އެޕްރޫވް ކުރެވުނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 4ވަނަ ދުވަހުއެވެ.
އެހެން ނަމަވެސް ނިއުޒިލޭންޑްގެ ސިޔާސީ ފަރާތްތަކުން ބުނާ ގޮތުގައި ޕޭޖް އެ ގައުމަށް އެންމެ ފުރަތަމަ ވެސް ގޮސްފައި ވަނީ ވެސް މިއަހަރުގެ ޖެނުއަރީ މަހުގައި އޭނާގެ ދަރިފުޅު ފީޖީގައި ހުއްޓާ ދިމާވި ސިއްހީ އިމަޖެންސީއެއްގައެވެ.
އަދި ޕޭޖް އެގައުމަށް ވަދެފައި ވަނީ ކޮވިޑް-19ގެ ސަބަބުން އެގައުމު ބަންދުކޮށްފައިވާ ހާލަތެއްގައިކަމަށް ބުނެ ވެސް ސިޔާސީ ފަރާތްތަކުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އިދިކޮޅުފަރާތްތަކުން ބުނާ ގޮތުގައި ޕޭޖްއަށް ރަށްވެހިކަން ދިން އިރު އެގައުމުގެ ގިނަ ބަޔަކު ގައުމަށް ނުވަދެވިފައި ތިއްބެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ސިއްހީ އެހީތެރިން ވެސް ހިމެނޭކަމަށް އެ ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ބުނާގޮތުގައި ސަރުކާރުގެ މިއަމަލުން ލިބިގެން ދިޔަ މެސެޖަކީ ޑޮކްޓަރުންނަށް ވުރެ ފައިސާ މުހިއްމުކަން ކަމަށެވެ.