ރިލްވާނަށް ވީގޮތް ހޯދުމުގައި ދައުލަތަށް ކޮށްދެވުނުހާ ވެސް ކަމަކީ އަޅައިނުލުން: ވައްޑެ

ރިލްވާނަށް ވީގޮތް ހޯދުމުގައި ދައުލަތަށް ކޮށްދެވުނުހާ ވެސް ކަމަކީ އަޅައިނުލުން ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެއެވެ.
ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 7 އަހަރު ފުރުނުއިރު އަޙުމަދު ރިލްވާނަށް ވީގޮތް ހޯދުމުގައި ޢާއިލާއިންނާއި ރައްޓެހިން ކުރި ބުރަ މަސައްކަތާއި ހިތްވަރު ފިޔަވައި ފެންނަން އޮތް އެހެން ކަމެއް ނެތް ކަމަށެވެ. އަދި “ދައުލަތަށް ކޮށްދެވުނުހާ ވެސް ކަމަކީ އަޅައިނުލުން”ކަމަށް ވަހީދު ވިދާޅުވިއެވެ. https://twitter.com/waddey_/status/1424287363342094336?s=21 ރިލްވާން ގެއްލުވައިލިތާ މިއަދަށް މިވަނީ 7 އަހަރު ފުރިފައެވެ. މަރު ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ މައްސަލައިގައި ކޮމިޝަނުން ކުރަމުންދާ ތަހުގީގުގެ އަމާޒަކީ އެ ޖަރީމާ ހިންގުމުގައި ކުޑަ ނަމަވެސް ބައިވެރިވުމެއް އޮތް ހުރިހާ އެންމެން ޝަރީއަތުގެ ކުރިމައްޗަށް ގެނައުން ކަމަށެވެ. ކޮމިޝަނުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ކުރިއަށް ގެންދިއުމުގެ ގޮތުން، މޯލްޑިވްސް ޕޮލިސް ސާވިސްއާއި ރާއްޖެއިން ބޭރުގެ އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގެ ދާއިރާގައި މަސައްކަތް ކުރާ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ވެސް ކޮމިޝަނުން ވިދާޅުވެއެވެ. ރިލްވާންގެ މަރުގެ މައްސަލައިގެ ފުރިހަމަ ރިޕޯޓެއް މި އަހަރު ނިމުމުގެ ކުރިން ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.





ކޮމެންޓް