ބޮލީވުޑް

ކަފާލާތު ދީފިނަމަ ރާޖް ކުންދުރާ އިނގިރޭސިވިލާތަށް ގޮސް ފިލައިފާނެ: ފުލުހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބަރަހަނާ ފިލްމު އުފެއްދިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ވިޔަފާރިވެރިޔާ ރާޖް ކުންދުރާއަށް ކަފާލާތު ދީފިނަމަ، އޭނާ އިނގިރޭސިވިލާތަށް ގޮސް ފިލައިފާނެކަމަށް މުމްބާއީ ފުލުހުން ކޯޓުގައި ބުނެފިއެވެ.

Ads by MWSC

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖްއަކީ އިނގިރޭސިވިލާތުގެ ރަށްވެހިކަން ވެސް އޮންނަ ފަރާތެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ބަރަހަނާ ފިލްމުތަކާއި މަންޒަރުތައް އެކުލެވޭ ކޮންޓެންޓް އުފެއްދި ކަމުގެ ތުހުމަތުގައި ރާޖް ކުންދްރާއާއި އޭނާގެ އެސޯސިއޭޓް ރައިޔަން ތޯޕް ހައްޔަރު ކުރީ ޖުލައި މަހުގެ 19ވަނަ ދުވަހުގައެވެ. އަދި އެ ދުވަހަށް ފަހު އެ ދެމީހުން ވެސް ތިބީ ދައުލަތުގެ ބެލުމުގެ ދަށުގައި ހައްޔަރު ކޮށްފައެވެ.

ކަފާލާތުގެ ދަށުން ރާޖް ކުންދްރާ ދޫކޮށްލައިތޯ ދަށު ކޯޓުގައި ވެސް އޭނާގެ ވަކީލުން ވަނީ އެދިފައެވެ. ނަމަވެސް ކޯޓުން އެ އެދުން ބަލައެއް ނުގަތެވެ.

މުމްބައިގެ ކޯޓެއްގައި މި މަހުގެ 10ވަނަ ދުވަހު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި ޤާޒީ ވަނީ ކަފާލާތު ދިނުމާ ގުޅޭގޮތުން ދައުލަތާ ސުވާލު ކޮށްފައެވެ. އެއަށް ޖަވާބު ދެމުން ފުލުހުން ބުނީ ރާޖް ކުންދްރާއަކީ އިނގިރޭސިވިލާތުގެ ރަށްވެއްސަކަށް ވެސް ވީ ހިނދު އޭނާ ފިލައިފާނެ ކަމަށާއި، އޭރުން އެ ފަދަ ކޮންޓެންޓް އަނެއްކާ ވެސް އުފައްދައިފާނެ ކަމަށެވެ.

ފުލުހުންގެ ބަޔާނަށް ފަހު ކޯޓުން ނިންމީ މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ރާޖް ކުންދްރާއާއި ރައިޔަން ބަންދު ކޮށްފައި ބެހެއްޓުމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!