ޚަބަރު

ޝެއިޚް އިލްޔާސަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބުނުގޮތް ކިޔައިދީފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އަދާލަތުގެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ، ދީނީ ޢިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސެއިންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބުނުގޮތާ ގުޅޭ ގޮތުން އެކި މީހުން އެކިގޮތްގޮތަށް ވާހަކަ ދައްކަމުންދާތީ އެކަން ހިނގާ ދިޔަ ގޮތް އޭނާ ސާފުކޮށްދެއްވައިފިއެވެ.

Ads by Hajj Corporation

ކްލަބް ހައުސްގައި ރޭގައި ކުރިޔަށް ދިޔަ ސެޝަނެއްގައި އާއްމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިލްޔާސް ވިދާޅުވީ، ދަރިކަލުން މެލޭޝިއާގައި ކިޔަވަން ހުންނަވާތީ މެލޭޝިއާއަށް ދާން ވިސާއަށް އެދެމުން އެކަން ހަމަޖެހިފައިނުވާތީ، އެކަން ދިވެހި ސަރުކާރުގައި އެދުމުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވީ ކަމަށެވެ.

މިގޮތުން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ދެއްވީ، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ކައުންސެލަރ ޓު ދަ އެމްބެސެޑަރގެ މަޤާމު ރަމްޒީކޮށް ދެއްވުމަށް ފަހުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އިލްޔާސް ވިދާޅުވީ، އެ މަޤާމުގައި ހުންނެވި ނަމަވެސް މުސާރައެއް ނުގަންނަވާ ކަމަށާއި އެއީ ހަމައެކަނި ރަމްޒީ، ލިޔުމުގައި އޮންނަ މަޤާމެއް ކަމަށެވެ. އަދި ވިދާޅުވީ، އެންބަސީގައި ވަޒީފާއެއް އަދާ ކުރައްވަމުން ނުގެންދަވާ ކަމަށެވެ.

މިކަމާ ގުޅިގެން، ކްލަބް ހައުސްގައި ރަމްޒީ މަގާމެއްގައި ހުންނަވައިގެން ޑިޕްލޮމެޓިކް ޕާސްޕޯޓެއް ގެންގުޅުމަކީ ދީނީ ގޮތުންނާއި ގާނޫނީގޮތުން މަނާކަމެއްތޯ ނުވަތަ ނޫންތޯ އެ ކްލަބް ހައުސްގައި ބައިވެރިޔަކު ޝައިޚް އިލްޔާސްއާ ސުވާލުކުރުމުން ވިދާޅުވީ އެއީ ދީނީގޮތުންނާއި ގާނޫނީ ގޮތުންވެސް މަނާކަމެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބައެއް މީހުން ސުވާލު އުފައްދަމުން ގެންދަވާތީ، ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކޮށްލަން އެދޭނެ ކަމަށް ވެސް ޝެއިޚް ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!