ލައިސަންސް ނެގުމަށް އިމްތިހާން ހަދަންޖެހޭ މުއްދަތު އަންނަ ޖެނުއަރީ މަހާ ހަމައަށް އިތުރުކޮށްފި

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން އިމްތިހާން ހަދަން ޖެހޭ މުއްދަތު އަންނަ ޖެނުއަރީމަހާ ހަމައަށް އިތުރުކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، ކޯވިޑްގެ ޙާލަތު ސީރިއަސްވެ އެކި ފަހަރު މަތިން ފުރަބަންދު ކުރުމާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކަށް ދުއްވުމުގެ އިމްތިހާން ހެދުމުގެ ފުރުސަތު ލިބިފައި ނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން ގަވާއިދު ގެޒެޓް ކުރުމުގެ ކުރިން ތިއަރީ އިމްތިހާން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ފުރުސަތެއް ދިނުމުގެ ގޮތުން އެ ފަރާތްތަކުގެ ތިއަރީ އިމްތިހާންގެ މުއްދަތު އިތުރުކުރުމަށް ނިންމައިފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވެއެވެ. މި މުއްދަތު އިތުރުކޮށްފައި ވަނީ 15 ޖެނުއަރީ 2022އާ ހަމައަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އާއްމުކުރި އައު ޤަވާއިދުގައިވާ ގޮތުން އެއްގަމު ދަތުރުފަތުރު ކުރުމުގެ ޤާނޫނުގެ ދަށުން ހަދައިފައިވާ ގަވާއިދުތަކާ ޚިލާފު ވާނަމަ ލައިސަންސާ އެކު ހިމަނައިފައިވާ ކްރެޑިޓް ޕޮއިންޓްތައް އުނިކޮށް އެ ޕޮއިންޓްތައް ހުސްވުމުން ލައިސަންސް ބާތިލުވާނެއެވެ. ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެއެވެ.