"ސޭވް ދަ ޑްރީމް" ގެ މީހުން ބޭލުމަށް ރިހިވެލި ރިސޯޓަށް ބަޔަކު އެރުމުން ފުލުހުން ހަރަކާތްތެރި ވަނީ

"ސޭވް ދަ ޑްރީމް"ގެ މީހުން ބޭލުމަށް ރިހިވެލި ރިސޯޓަށް ބަޔަކު އެރުމުން ފުލުހުން ހަރަކާތްތެރި ވާން ފަށައިފިއެވެ.
ރިހިވެލި ރިސޯޓަށް މީގެ ކުރިން ވެސް ބަޔަކު އަރައި ވަނީ ހަމަނުޖެހުން ހިންގައިފައެވެ.
ސޭވް ދަ ޑްރީމްގެ ވަކީލް ނާޒިމް އަބްދުއްސައްތާރު "ދެން"އަށް މައުލޫމާތު ދެމުން މިއަދު ވިދާޅުވީ، އެރަށަށް އަރައިފައި ވަނީ ރިސޯޓުގެ ވެރިފަރާތް ކަމަށްވާ މާހަލް ޕްރައިވެޓް ލިމިޓެޑްގެ ބަޔަކު ކަމަށެވެ.
އެގޮތުން އެ ރިސޯޓަށް 20 ވަރަކަށް މީހުން އަރައިފައިވާ ކަމަށް ވެސް ވަކީލު މައުލޫމާތު ދެއްވާފައިވެއެވެ.
"އެމީހުން ޑިމާންޑުކުރަމުން ދަނީ އަޅުގަނޑުމެން ރިސޯޓުން ފޭބުމަށް." ވަކީލު ނާޒިމް ވިދާޅުވިއެވެ.
ރިހިވެލި ރިސޯޓަށް މިއަދު މީހުން އަރައިފައި ވަނީ ހަވީރު 4:30 ހާއިރު ކަމަށާއި މި ވަގުތު އެތަނުގައި ފުލުހުން ވެސް ހަރަކާތްތެރި ވަމުން އަންނަ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެ ރިސޯޓަށް އަނެއްކާ ވެސް ބަޔަކު އަރައިފައި މިވަނީ އެ ރަށުގެ ސަބްލީޒް އެއްބަސްވުން ބާތިލުވެފައިވާތީ ސޭވް ދަ ޑްރީމް ނުވަތަ އެ ކުންފުނީގެ އެއްވެސް ހިއްސާދާރަކަށް ވެސް މާހަލްގެ ހުއްދަ ނެތި ރިސޯޓުގައި ނުތިބެވޭނެ ކަމަށާއި އެތަނުން މަންފާ ހޯދުމުގެ ހައްގު ނޯންނާނެ ކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވާތީއެވެ. ނަމަވެސް ސޭވް ދަ ޑްރީމުން ވަނީ އެ ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައެވެ.