ޖަޕާނުގައި ތަޣައްޔަރުވެފައިވާ ކޮވިޑް ވެކްސިން ޖެހި 3 މީހަކު މަރުވެއްޖެ
ޖަޕާނުގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ޖަހާ މޮޑާނާ ވެކްސިނުގެ 1.63 މިލިއަން ޑޯޒް ތަޣައްޔަރުވުމުގެ ސަބަބުން ބޭނުން ކުރުން، މަނާކޮށްފައިވަނިކޮށް އެވެކްސިން ޖެހި 3 ވަނަ މީހަކު މަރުވެއްޖެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޖަޕާނުގައި ތަޣައްޔަރުވެފައިވާ މޮޑާނާ ވެކްސިނުގެ ދެވަނަ ޑޯޒް ޖެހި އުމުރުން 49 އަހަރުގެ މީހަކު މަރުވެފައި ވަނީ ވެކްސިން ޖެހިތާ 2 ވަނައަށް ވީދުވަހުއެވެ. އެމީހާއަކީ ސިއްހީ އެއްވެސް މައްސަލައެއް ހުރި މީހެއް ނޫންކަމަށް ވެސް އޮފިޝަލުން ވަނީ ބުނެފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެމީހާ ގަޔަށް ޖަހައިފައި ވަނީ ތަޣައްޔަރުވުމުގެ ސަބަބުން ބޭނުން ކުރުން މަނާކޮށްފައިވާ 1.63 މިލިއަން ޑޯޒްގެ ތެރެއިން ޑޯޒެކެވެ. އެހެން ނަމަވެސް އެމީހާގަޔަށް ޖެހީ ސްޓެއިންލެސް ސްޓީލް ފެނިފައިވާ ބެޗުގެ ޑޯޒެއް ނޫންކަމަށް ވެސް ވަނީ އޮފިޝަލުން ބުނެފައެވެ.
ތަޣައްޔަރުވެފަައިވާ ވެކްސިނުގެ 3 ބެޗު ޖަޕާނުގައި މަނާކޮށްފައިވާއިރު މި ތިން ބެޗުވެސް އުފައްދާފައި ވަނީ މޮޑާނާ ކުންފުނީގެ ކޮންޓްރެކްޓްގެ ދަށުން ސްޕޭންގައެވެ.
މޮޑާނާ ކުންފުނީގެ ޖަޕާނުގެ ޑިސްޓްރިބިއުޓަރކަމުގައިވާ ޓަކޭޑާ ފާމެކިއުޓިކަލްއާ ގުޅިގެން މިދިޔަ ހަފްތާގައި ނެރެފައިވާ ޖޮއިންޓް ސްޓޭޓްމެންޓެއްގައި ބުނެފައި ވާގޮތުގައި މޮޑާނާ ވެކްސިނުގެ ތެރެއިން ފެނިފައިވާ ސްޓީލްސްގެ އެތިކޮޅުތަކުގެ ސަބަބުން ވެކްސިން ޖަހާމީހުންގެ ސިއްހަތަށް ނުރައްކާވެދާނެ ފަދަ ކަމެއް ފެނިފައެއް ނުވެއެވެ. އެހެން ނަމަވެސް ވެކްސިން ޖެހި 3 މީހަކު މަރުވުމުން އެ ކުންފުނިން ދަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.
ކޮވިޑް-19އިން ރައްކާތެރިވުމަށް ޓަކައި ޖަހާ މޮޑާނާ ވެކްސިނުގެ 1.63 މިލިއަން ޑޯޒް ތަޣައްޔަރުވުމުގެ ސަބަބުން ބޭނުން ކުރުން، ޖަޕާނުގައި މަނާކޮށްފައި ވަނީ މިދިޔަ އޮގަސްޓުމަހުގެ 26 ވަނަ ދުވަހުއެވެ.
ތަޣައްޔަރުވެފައިވާ ވެކްސިނުގެ ގޮތުގައި ޖަޕާނުގައި ފެނިފައި ވަނީ އެގައުމަށް އެތެރެކުރި 3 ބެޗުގެ ތެރެއިން އެއް ބެޗްގެ ވެކްސިންކަމަށްވީ ނަމަވެސް އެ ތިން ބެޗް އެއްކޮށް ވެސް ބޭނުންކުރުން އެގައުމުގައި މަނާ ކުރީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކުން އޭރު ވަނީ ބުނެފައެވެ. އަދި ފަހުން ވެކްސިން ބޭނުންކޮށްފައި ވަނީ ތަހްލީލްތަކަށް ފަހުއެވެ.